ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ހުސްވި އަހަރުގެ މެއި މަހު ފެށި މަސައްކަތުން މިއަދާ ހަމަޔަށް، 150،000 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަނަށް ބޭނުންވާ ފޮޓޯ ނަގައި ޑޭޓާބޭސް އަދާހަމަކުރެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢްއިޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި މިއަހަރުގެ މަސައްކަތްތެރިންގެ ދުވަސް މިއަދު ފާހަގަކުރަމުން ދާއިރު ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރާ ބިދޭސީ މަސައްކަތްތެރިންގެ ހާލަތާމެދު ވިސްނާލަންޖެހޭ ކަމަށާއި، ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތްކުރުވުމުގެ ނަތީޖާއެއްގެ ގޮތުން އެމީހުންގެ އަސާސީ އިންސާނީ ޙައްޤުތައްވެސް ނިގުޅައިގަނެވިފައިވާ ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ. އަދި މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށާއި، މިކަމަށްޓަކައި ކުރެވޭ އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު މަސައްކަތަކީ، ހުރިހާ ބިދޭސީ މަސައްކަތްތެރިންނަކީވެސް ކާކުކަން ބަޔޯމެޓްރިކްގެ އެހީގައި ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި ބިދޭސީންގެ ބަޔޯމެޓްރިކްސް ހޯދުމުގައި މަސައްކަތްކުރެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޚިޠާބެއްވެސް ފޮނުއްވާފައެވެ. މި ޚިޠާބުގައި، ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ޚާއްޞަ ސަމާލުކަމެއް ދިނުމަށް، އެންމެހާ ބެލެނިވެރިންނަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ވަނީ މީސްމީޑިއާގައި ޕޯސްޓެއްވެސް ޙިއްޞާކުރައްވާފައެވެ.



advertisment