ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި، ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބެލެނިވެރިންނަށް އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ދިވެހީން އެދޭ ތަމައްދުން ޙާޞިލް ކުރެވޭނީ އެންމެ ދިވެއްސަކުވެސް، މަސައްކަތެއް ނުކޮށް ބާކީ ވެގެންދާން ދޫކޮށް ނުލަން މުޅި މުޖްތަމަޢު ގުޅިގެން ޤައުމީ މަސައްކަތްތަކެއް ފެށިގެން ކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ކޮންމެ ދުވަހަކުވެސް މި ޤައުމު ކުރިއަށް ފިޔަވަޅުތަކެއް އަޅަނީ މަސައްކަތްތެރީންގެ ސަބަބުންކަމުގައި ފާހަގަކުރައްވައި މަސައްކަތްތެރީންގެ އަޑު އެހުމުގައި، އަދި މަސައްކަތްތެރީންނަށް މަގުތައް ފަހިކޮށްދީ، ލިބޭ އާމުދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައި ދިނުމުގައި ސަރުކާރު ދެމި އޮންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތައް އިތުރުކުރުމަށާއި، ވަޒީފާގެ ފުރުޞަތުތައް ގިނަ ކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމަށެވެ. އަދި ޤައުމަށް ފައިދާ ހުރި މަސައްކަތްތެރި އަތްތައް ގިނަކުރުމަށްޓަކައި، މަސައްކަތުގެ އަޚްލާޤާއި، ހުނަރު ދަސްކޮށްދިނުން ތަޢުލީމީ މަންހަޖުގައި އިތުރުކުރަން ޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ހަމައެއާއެކު ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާގެ ސުންނަތުގައިވާ ގޮތަށް ކޮންމެ މުސްލިމަކީވެސް ކެރި ކުޅަދާނަވީ މިންވަރަކުން، މަސައްކަތްތެރިއަކަށް ވުމަށް އެމަނިކުފާނު ބާރުއަޅުއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލަވަމުން "ދިވެހި އުންމަތުގެ ހަކަތައަކީ، ބުންވަރަކީ، އެއްވެސް ޝައްކެއްނެތް ގޮތުގައި މި ޤައުމުގެ ހީވާގި ޚިދުމަތްތެރީން" ކަމުގައި ބަޔާންކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖެ މިއަދު މި ދެކޭ ހިސާބަށް ގެނެސްދިނީ މަސައްކަތްތެރީން ކަމަށާއި އަދި، މާދަމާ ޤައުމު ދާން އުންމީދު ކުރާ އުސްމިންތަކަށް ވާޞިލުކޮށްދޭނީވެސް މަސައްކަތްތެރީން ކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.



advertisment