ހަބަރު ހުސްވެފައި އޮތް ޒުވާން އަންހެން ކުއްޖަކު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ހާއްސަ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައެއް ބަދަލުތައް މިއަދު ގެންނަވައިފިއެވެ.

ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން އުފައްދަވައިފައިވާ "2025 އެޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން"އަށް މިއަދު ގެންނެވި ބަދަލުތަކުގެ ތެރޭގައި ކުރިން ތިއްބެވި ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު އުނި ކުރައްވައި، އިތުރު ތިން ބޭފުޅުން ހަމަޖެއްސެވުން ހިމެނެއެވެ. އޭގެތެރޭގައި ދެ ކަނބަލަކު ވެސް ހިމެނެއެވެ.

ކުރީގެ ތިން މެމްބަރުންގެ އެ ކޮމިޓީން އުނިކުރައްވައިފައި ވަނީ މަޝްހޫރު ކަށީގެ ޑޮކްޓަރު، ޑރ. މުޙައްމަދު ޙަބީބެވެ.

މި ބަދަލާއެކު މިހާރު މި ކޮމިޝަންގެ މެންބަރުންނަކީ:

  1. ޑޮކްޓަރ މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
  2. ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
  3. ޑޮކްޓަރ މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
  4. ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
  5. އާމިނަތު އީނާސް، ހ. ހަބަރުގެ

ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ ޑޮކްޓަރ މުޙައްމަދު މުނައްވަރެވެ.

މި ބަދަލު އިޢުލާންކުރައްވައި ނެރުއްވާފައިވާ ޤަރާރު، މިހާރު ވަނީ ގެޒެޓްކުރައްވައި ޢާންމުކުރައްވާފައެވެ.