އެމް.ޑީ.ޕީގެ މުޒާހަރާއެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް އެއްވެސް ހަގީގަތެއް ނެތް ވާހަކަ ތަކެއް ދެއްކި މައްސަލައިގައި އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ ޒުބެއިރު) އާއި އެކަމާ ގުޅޭ ޓުވީޓެއް ކޮށްފައިވާތީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ އިތުރުން މުޒާހަރާ އިންތިޒާމްކުރި އެމް.ޑީ.ޕީ މައްޗަށް ދައުވާކުރަން ސިވިލް ކޯޓަށާއި އާއިލާއާ ބެހޭ ކޯޓަށް ހުށަހަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފާއިތުވި މާޗްމަހުގެ ތެރޭގައި އެމް.ޑީ.ޕީން މާލޭގައި ބާއްވަމުންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުން ޢުމައިރު މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް މަންދީ ޒުބެއިރު ދައްކައިފައިވާ ވާހަކަތަކުގެ ސަބަބުން، "ޢުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނޭ ޙާލަތެއް މެދުވެރިކުރުވައި، ޢުމައިރުގެ ކިޔެވުމާއި މުސްތަޤުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ޙާލަތެއް މެދުވެރިކޮށްފައިވާތީ" ޢުމައިރުގެ މަންމަ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ފަރާތްޕުޅުން ހަތަރު މައްސަލައެއް ކޯޓުގައި ރަޖިސްޓަރކުރެވިފައިވާ ކަމަށެވެ.
1. ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ:
- ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ޙައްޤު ނިގުޅައިގެންފައިވާތީ މަރިޔަމް ޒުބައިރުގެ މައްޗަށާއި އެމް.ޑީ.ޕީ އަދި އެ ޕާޓީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާޢީލްގެ މައްޗަށް
2. ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަ:
- ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކަމުގެ ޤާނޫނު އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ އިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާތީ މަރިޔަމް ޒުބައިރުގެ މައްޗަށާއި އެމް.ޑީ.ޕީ އަދި އެ ޕާޓީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާޢީލްގެ މައްޗަށް
"މި މައްސަލަތައް ހުށަހަޅައިފައި މިވަނީ، ޤާނޫނުއަސާސީ އާއި ޤާނޫނުތަކުން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަމުގެ ޙައްޤު، ސިޔާސީ ދެކޮޅުވެރިކަމާއި ވާދަވެރިކަމުގެ ތެރެއިންވިޔަސް، ނިގުޅައި ނުގަނެވޭނޭކަން ކަށަވަރުކޮށް، އެކުދިންގެ ތަޢުލީމާއި މުސްތަޤްބަލު އަދި ނަފްސު، ގަނާ ކުރުމާއި ފުރައްސާރަކުރުމާއި އަދި ނުރައްކަލުގެ ތެރެއަށް ހުށަހެޅުމަށްކުރެވޭ މަސައްކަތްތަކުން ސަލާމަތްކޮށް ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްޞަދުގައެވެ. އަދި، މިއަދު އެ މަޤާމުގައި ތިއްބެވި އެކަމަނާގެ ބޭފުޅުންނަށް ރައްކާތެރިކަން ހޯދުމަށް މަންމައެއްގެ ހައިސިއްޔަތުންނާއި މާދަމާ އެ މަޤާމުތަކުގައި ތިބެދާނޭ އެހެން ކުދިންނަށް ރައްކާތެރިކަން ޔަޤީންވެފައި އޮތުމަކީ، ކޮންމެހެން ބޭނުން ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙަންމަދު ދެކެވަޑައިގަންނަވާތީއެވެ." ބަޔާނުގައި އާޒިމާ ވިދާޅުވި އެވެ.
މަންދީ ޒުބެއިރަކީ ރައްޔިތުންގެ މަޖިލިސްގެ އެމް.ޑީ.ޕީ މެމްބަރު މީކާއީލް ނަސީމުގެ މަންމައެވެ.