Support Us

ޤުރްއާނުގެ އިރުޝާދަށް އަމަލުތައް ބައްޓަންކުރަން ސަމާލުކަން ދޭންޖެހޭ: މެޑަމް ސާޖިދާ

މާނަވީ ގޮތެއްގައި ކީރިތި ޤުރުއާނާ ގާތްވުމަށްޓަކައި ކީރިތި ޤުރުއާން ތަޖުވީދުމަގުން ރީތިކޮށް ކިޔަވަން ސަމާލުކަން ދޭ ފަދައިން ކީރިތި ޤުރްއާނުގެ އިރުޝާދަށް އަމަލުތައް ބައްޓަންކުރަން އަބަދުވެސް ސަމާލުކަން ދޭންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ތާޖުއްދީން ސުކޫލުގައި ކުރިއަށްދިޔަ އީގަލްސް ކޮމިއުނިޓީގެ ފުރަތަމަ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވަނީ ދިރިއުޅުމުގެ ހުރިހައި ކަމެއްގައި ރީތިކަމާއި ފުރިހަމަކަން ކީރިތި ޤުރުއާނުގެ އިރުޝާދުގެ އަލީގައި ލިބިގަތުމަށް ބާރުއަޅުއްވާފައެވެ. އަދި މި ފަދައިން އަމަލުތައް ބެހެއްޓުމުން ދިރިއުޅުމަށާއި މުޅި މި ޤައުމަށް ހެޔޮބަދަލު އަންނާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތްތައް އިތުރުވަމުން އަންނަކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދިވެހި ދަރީންނާއި މުޅި މުޖުތަމަޢަކީ ކީރިތި ޤުރްއާނުގެ ހިޔާވަހިކަމަށް އެދޭ ބަޔަކަށްވުމަކީ ވަރަށް އުންމީދީ މަންޒަރެއްކަމަށާއި، އަދި އެއީ ހެޔޮ ބަދަލެއްކަމުގައި އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

ރޭގެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވަނީ އީގަލްސް ކޮމިއުނިޓީން އިޖުތިމާޢީ ކަންކަން ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި އެފަދަ މަސައްކަތްތައް ކުރުމަށް އެކަމަނާގެ ވާހަކަފުޅުގައި ބާރުއަޅުއްވާފައިވެއެވެ. ހަމަ އެއާއެކު އެކަމަނާ ވަނީ މުޖުތަމަޢުގެ ކަންކަން ކުރިއެރުވުމަށް ފަރުދީ ޒިންމާ އަދާކުރެއްވުމަށްވެސް ބާރުއަޅުއްވާފައެވެ.

އީގަލްސް ކޮމިއުނިޓީގެ ފުރަތަމަ ޤުރުޢާން މުބާރާތް ބާއްވާފައިވަނީ ނިމިގެންދިޔަ ރަމަޟާންމަހު ތާޖުއްދީން ސުކޫލްގެ ދަރިވަރުންނަށް ޚާއްޞަކޮށްގެންނެވެ. މި މުބާރާތުގައި ޖުމްލަ 174 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި މުބާރާތް ކުރިއަށްގެންގޮސްފައިވަނީ ބަލައިގެން ކިޔެވުމުގެ ގޮފިންނެވެ.

ރޭގެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވަނީ މުޅި މުބާރާތުން ރަން ވަނަތައް ހާސިލްކުރި ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި އީގަލްސް ކޮމިއުނިޓީގެ ފަރާތުން ހުށަހެޅި ރިޕޯޓުގައި އެ ކޮމިއުނިޓީގެ ފަރާތުން ވަނީ އިޖުތިމާޢީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ސަރުކާރުން ދޭ އެއްބާރުލުން ފާހަގަކޮށް އެކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ބަލައިގެން ކިޔެވުމަށާއި ނުބަލައި ކިޔެވުމަށް އަދި ޙާފިޒުންނަށް ޚާއްސަކޮށް މި އަހަރަށްވުރެ ފުޅާ ދާއިރާއެއްގައި އިތުރު ޤުރުއާން މުބާރާތެއް ބޭއްވުމަށް މަސައްކަތްކުރާނެކަން ވެސް އީގަލްސް ކޮމިއުނިޓީން ފާހަގަކުރިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *