އަދު މި ޤައުމުން ނެތި ފަނާވީ ހާދަ އަގުހުރި ދަރިޔެކޭ
"މަޑުލު މިވަޙީދުގެ ނަމުން" މަޝްހޫރުވީ މޮޅު ޝަޚްސެކޭ
ދިވެހި "މާދަރި ބަހުގެ މިދުވަހު" ދުނިޔެ ދޫކޮށް އެދިޔައީ
ދިވެހިބަސް ކުރިއެރުވުމަށް ހުރި، އެކެޑަމީގެ މުޝީރެކޭ
ނެތިފަނާވެ ދިޔަސް، ވަޙީދު، ލިޔުއްވި ގިނަ ޞަފްޙާތަކާ،
ހެކިވެ ދޭނޭ ފޮތް ތަކެއް ހަދިޔާ ކުރެއްވެވި އެދުރެކޭ
އަޑު އަހާ އެންމެންގެ ޤަދަރާ އިޙްތިރާމު ލިބޭގޮތުން،
އަދަބު އަޚްލާޤާ ސުލޫކުގެ ލާމަސީލު މިސާލެކޭ
ދިވެހި ބަހަށާ ދިވެހި އަދަބާ ދިވެހި ފަންނީ ރޮނގު ތަކުން
ދިވެހިނަށް އަދުގެއްލި ދިޔަ، ހިތްހެޔޮ ވަފާތެރި ބަފައެކޭ
ބޭރުބަހުގެ ޚަބަރުތަކެއް ގިނަ ތަރުޖަމާ ކޮށް ދަމުން،
އޭރު،ޞަފްޙާތައް ލިޔުއްވެވި އެންމެ އަގުހުރި" މުތަރުޖަމެކޭ"
އެކުވެރީން ރަޙްމަތް ތެރީންނާ ރައްޓެހީންނާ އެކު މަޖާކޮށް،
އެކު އުޅެން ނުލިބޭނެފަދަ ސާދާ މިޒާޖުގެ މިތުރެކޭ
ދެއްވަވާށިއެ! ޖައްނަތުލް ފިރުދައުސުގައި އެ ފުރާނަޔަށް،
އެންމެ މަތިވެރި ނިޢްމަތަށް އެދިގެން ކުރާ މި ދުޢާއެކޭ
ޢާއިލާޔާ، އަނބި ދަރީންނަށް، ދާއިމީ ކެތްތެރި ކަމެއް،
ޔާއިލާހީ ! ދެއްވެވުން އަބަދަށް އެދޭމީ އެދުމެކޭ