ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ސީ.އީ.އޯ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ޤަބޫލުފުޅުކުރެއްވީތީ ސުލްޠާން މުރްޝިދަށް މަރުޚަބާ ދަންނަވައިފައެވެ. ދިވެހި ސަރުކާރުން މި ޝަރަފު އެ މަނިކުފާނަށް އަރުވާފައި މިވަނީ، އެ މަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ފަރާތުން ދިވެހިރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ކޮށްދެއްވާ މުހިންމު ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ފަރާތުން ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ މުހިންމު ބައެއް މަޝްރޫޢުތަކުގެ ގޮތުގައި ފާހަގަކޮށްލެވޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމާއި ޞިއްޙީ ދާއިރާ އާއި ބޯހިޔާވަހިކަމުގެ ދާއިރާގެ ތަރައްޤީއަށް ދެމުންގެންދާ އެހީތެރިކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ މެދުގައި އޮތް ދޭދޭ ގުޅުންތައް ބަދަހިކޮށް، ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ދެބޭފުޅުން ފާޅުކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތައް ވަގުތަށް ނިންމުމަށާއި، ގުޅިގެން ކުރެވޭ މިފަދަ މަސައްކަތްތަކުން ރައްޔިތުންނަށް ފައިދާ ލިބިދޭފަދަ ނަތީޖާތަކެއް ނެރުމުގެ އުންމީދު އައުކުރައްވާފައެވެ.



advertisment