ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ސީ.އީ.އޯ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ނިސްބަތްވަނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނަށެވެ.
ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މި ޝަރަފުގެ ޢިއްޒަތް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ސަޢޫދީ ފަންޑުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއަށާއި، ރައްޔިތުންގެ ޢާންމު ޙާލަތު ކުރިއެރުވުމަށް، ވަރަށް ފުޅާ ދާއިރާއެއްގައި ވެދީފައިވާ އަދި މިހާރުވެސް ވެދެމުން ގެންދާ އެހީތެރިކަމާއި، އެއްބާރުލުމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.