Support Us

ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. ޢަބްދުالله މުއްތަލިބު (ވ) އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔަޑް) އަހްމަދު ސައުދީ މިއަދު އޮތް ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި

މާލޭގެ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގު ހަދަން އެމްޓީސީސީ އަށް

ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓު ސަރަހައްދާ ހަމައަށް ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

ޖުމްލަ 144.50 މިލިއަން ރުފިޔާއަށް، 455 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީއާ މި މަޝްރޫއު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ޢަބްދުالله މުއްތަލިބެވެ.

"ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުން ތަރައްގީ ކުރާ ސަރަހައްދަކީ މާލޭގެ އެންމެ ގިނަ މީހުން ބޭނުންކުރާ އެންމެ ބާރުބޮޑު އެއް ސަރަހައްދު. އެ މަގު ފުޅާކޮށް ތާރުއަޅައި ނިމުމުން އެ ސަރަހައްދުގައި ފަސޭހަކަމާއެކު ދެކޮޅަށް ދަތުރުކުރުމަށް މަގުފަހިވެގެންދާނެ. އަދި އުޅަނދުފަހަރު ޕާކް ކުރާނެ އިތުރު ޖާގަ ވެސް ލިބިގެންދާނެ،" އެމްޓީސީސީން ނެރުނު ނޫސް ބަޔާނެއްގައި ބުންޏެވެ.

މީގެ އިތުރުން މި މަސައްކަތް ނިމިގެންދާއިރު ފެންހިންދާ ނިޒާމެއް ވެސް ޤާއިމުކުރެވިގެންދާނެތީ ވިއްސާރަވުމުން ފެންބޮޑުވާ މައްސަލައަށް ވެސް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީގެ ނޫސް ބަޔާނުގައި ބުންޏެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ މި މަގު ތަރައްގީކޮށް ނިމޭއިރު ހަތަރު ލޭނެއް އޮންނާނެ ކަމަށެވެ. ވީމާ އުޅަނދު ދުއްވާ ފަރާތްތަކަށާއި ހިނގާފައި އުޅޭ ފަރާތްތަކަށް މަގު ބޭނުންކުރުމުގައި ވަރަށް ބޮޑަށް ލުއިފަސޭހަ ވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައުދީ ވިދާޅުވީ މި މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވާ ތާރީހަށްވުރެ އަވަހަށް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ރައްޔިތުންނަށް ވީހާ ވެސް ދަތިނުވާނެ ގޮތަކަށް މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އިސްކަންދެއްވާނެ ކަމަށެވެ.

"މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެ. އަދި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމުގެ އިތުރުން ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި ފެންހިންދާ ނިޒާމެއް ވެސް ގާއިމު ކުރަންވަނީ ހަމަޖައްސައިފައި. މީގެ އިތުރުން ޑްރޭއިނޭޖް ސަރވިސް ލައިން އެޅުމާއި މަގު ބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެ،" އެމްޓީސީސީން ބުންޏެވެ.

ވޭތުވެދިޔަ 44 އަހަރު ތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ.

އެމްޓީސީސީ 1980 ވަނަ އަހަރު އުފެއްދީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.