ދަރީންނަށް ތަޢުލީމު ދިނުމަކީ ޤައުމުގެ މުސްތަޤްބަލަށްޓަކައި ކުރެވޭ އެންމެ އަގުހުރި އިންވެސްޓްމަންޓުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިރާސީ އަހަރު ފެށުމުގެ އުފަލުގައި ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވައި މިއަދު ފޮނުއްވި ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީ އިތުރުކުރުމަށްޓަކައި ސަރުކާރުން ހުއްޓުމެއް ނެތި މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައިވެއެވެ. މިގޮތުން ވަސީލަތްތަކާއި ޖާގައިގެ ގޮތުން ފަހި ސްކޫލް މާޙައުލުތައް ޤާއިމުކޮށްދީ، ޓީޗަރުންނަށް އިތުރު ތަމްރީނާއި ފުރުޞަތުތައް ހޯދައިދީ، ތަޢުލީމީ ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށްވެސް ރަނގަޅު މަގުތައް ފަހިކޮށްދީ، ބެލެނިވެރީން ފަޚުރުވެރިވާނެ މަތީ ނަތީޖާތަކެއް ޙާޞިލްކުރެވޭނެ ހުރިހާ އަމާޒަކަށް ވާޞިލުވުމަށް ސަރުކާރުން ހިންމަތް ކުރާނެކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ ތަޢުލީމު ދިނުމުގެ ޙައްޤު ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ މަތީ މިންވަރަކަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުންވެސް ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް އެންމެ ގުޅިގެން އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވަނީ ބާރުއަޅުއްވާފައެވެ. އަދި މި ފެށުނު ދިރާސީ އައު އަހަރު، ރައްޔިތުން އެއް ރޫޙެއްގައި ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީއަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ. ހަމައެއާއެކު ޤައުމީ ނިސްބަތުގައި އަދި ދުނިޔޭގެ ނިސްބަތުގައިވެސް ކުދީން ޙާޞިލްކުރާ ނަތީޖާ އިތުރަށް ރަނގަޅުކޮށް، ކުދީންގެ ހުނަރުތައް ތަރައްޤީކުރުމުގައި އެއްބާރުލުން ދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވަމުންވެސް އެމަނިކުފާނު އިލްތިމާސް ކުރައްވާފައިވަނީ މުދައްރިސުންނާއި، ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރީން ކަމަށްކަމޭ ހީކުރެއްވުމާއެކު، އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވުމަށެވެ. އަދި ބެލެނިވެރީންގެ އަރިހުން އެމަނިކުފާނު އެދިވަޑައިގެންފައިވަނީ ދަރީންނަށް ރަނގަޅު ތަޢުލީމާއެކު ހަރުދަނާ ތަރުބިއްޔަތެއް ދެއްވުމުގައި އެންމެ ހިނދުކޮޅެއްވެސް ފަރުވާކުޑަ ނުކުރެއްވުމަށެވެ. އަދި ދަރިވަރުންނަށް ދެއްވި ނަސޭހަތަކީ، ކިޔެވުމަށް ޚާއްޞަކޮށް ޢުމުރުގައި ލިބޭ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ބަސްއަހައި. ހެޔޮލަފާ ދަރީންތަކެއްކަމުގައި ވުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ އެކްސް އެކައުންޓުންވެސް ތަހުނިޔާ ޕޯސްޓެއް ޙިއްޞާކުރައްވާފައެވެ. އެމަނިކުފާނުގެ ޕޯސްޓުގައިވެސް ތަހުނިޔާ އަދާކުރެއްވުމަށްފަހު ދަރިވަރުންނަށާއި، ބެލެނިވެރީންނަށް، އަދި ހީވާގި މުދައްރިސުންނަށާއި، ތަޢުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް ބާއްޖަވެރި، ފާގަތި އަހަރެއްކަމުގައި މާތް ﷲ މިންވަރު ކުރެއްވުމަށް އެދި ދުޢާ ދަންނަވާފައިވެއެވެ.



advertisment