އެ އަތުގައި ހިފުނީ ރޯޝަނީ މާދަމާއަކަށް އެދިއެވެ.
ހަޔާތުގެ ޞަފްހާތަކުގައި މަޢުނަވީ ކުލަތަކެއް ޖެއްސުމަށެވެ.
ލޯތްބާ އޯގާތެރިކަމުގެ އުނގެއްގައި ހަޔާތް ވެއަތުކުރުމަށެވެ.
ރައްކާތެރިކަމާ ހިމާޔަތުގެ އަތެއްގެ ތެރޭގައި އުމުރު ހޭދަކުރުމަަަށެވެ.
ނަމަވެސް ހިތުގެ އުއްމީދުތައް ވީ ހިތުގައި ވަޅުލާން ޖެހުނު އެއްޗަކަށެވެ.
ހަޔާތުގެ ދަތުރުގައި ކުރިމަތިލާންޖެހުނީ ވަރުގަދަ ތޫފާނަކާއެވެ.
ކޮޅިގަނޑުގެ ގަދަ ވައިން ސަލާމަތްވުމަަށް ކެނޑިނޭޅި މަސައްކަތްކުރަން ޖެހުނެވެ.
އެހީވާނެ އެއްވެސް ޔާރެއް ނެތި ގިނިކަންޏާއެވެ.
ހަމަޖެހުމުގެ ނޭވާއެއް ނުލެވިއެވެ.
ލޮލުގެ އެސްފިޔަތައް ނުހިކިއެވެ.
ނަމަވެސް އުއްމީދުގެ ހުޅުކޮޅެއް ނުނިވި ހުއްޓެވެ.
އުފާވެރިކަމުގެ ރާޅުބާނި ކޮޅިގަނޑުގެ މެދުން ވެސް ހިތުގައި ހިނގަން ފަށައެވެ.
ހިތް އެދޭ މިޞްރާބަށް ނަގިލި ދީލައިލުމަށް ހިތް އެދި ގޮވަން ފަށައެވެ.
އައްސޭރި ހާމައަށް ކުރިމަތީން ފެންނަން ފަށައެވެ.
ޠޫފާނުން ނެރެދެވޭނެ ފަދަ ރިތެއް ގާތުގައި ވާކަން އިހްސާސްކުރެވެއެވެ.
ނަމަވެސް ބިރާ ސިހުމުގެ ވާފަށެއް ހިތުގައި ހިފައި ފަހަތަށް ދަމައިގަނެއެވެ.
ލޯތްބާ އޯގާތެރިކަމާ ނުލައި ހޭނުނު ދިރިއުޅުން ކުރިޔަށް ގެންދަން ބުނެއެވެ.
ޒިންމާތަކުގެ ހިލިހިލާ ފައިގައި އަޅުވައި ފައި ހިއްލާ ނުލެވޭވަރު ކޮށްލިޔަސް ހެވޭ ބުނަމުންނެވެ.
ހައްޤުތަކުގެ މަންޙަޖުގެ ކުލަ ބަދަލުކުރުވައެވެ.
ލޯތްބާ އޯގާތެރިކަމުގެ ހަގީގީ މަޢުނަ އޮޅުވައިލަމުންނެވެ.
ނަމަވެސް މަރުނުވެ އޮތް ހިތުން ތަޞައްލީއަށް އެދި ޖަހާ ވިންދު އަދިވެސް ޖަހައެވެ.