Support Us

ހުއްދަ ނުހޯދައި ކާބޯތަކެތި ވިއްކާނަމަ ފިޔަވަޅު އަޅަނީ

އެއްވެސް ފަރާތަކުން ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ހިދުމަތް ދޭނަމަ ހުއްދަ ނަގަން ޖެހޭނެ ކަމަށާއި ހުއްދަ ނުހޯދައި އެހިދުމަތް ދޭނަމަ އެ ފަރާތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ބައެއް ފަރާތްތަކުން ނަގަންޖެހޭ ހުއްދަތައް ނުނަގައި ކާބޯތަކެތި ހިދުމަތް ދެމުން ގެންދާކަމުގެ ސަކުވާތައް ލިބެމުންދާ ކަމަށެވެ. އެގޮތުން ރަޖިސްޓްރީ ނުކޮށް ބަދިގެ ފަދަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމާއި، ފިހާރަތަކާއި ގޭގޭގައި ކާބޯތަކެތީގެ ބާވަތްތަކާއި ދުންފަތުގެ ބާވަތްތައް އޮންލައިންކޮށް ޕްލެޓްފޯމްތަކުގައި އާއި އެހެނިހެން ގޮތްގޮތަށް އިސްތިހާރުކޮށް ޑެލިވަރީގެ ހިދުމަތް ދެމުންގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

"އެއްވެސް ފަރާތަކުން ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ހިދުމަތްދޭނަމަ ކާބޯތަކެތި ވިއްކުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދާ ކަމާއި ގުޅޭ އެހެން ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުއްދަ ނަގަންޖެހޭނެ،" އެޗްޕީއޭއިން ބުނެފައިވެ އެވެ.

ހުއްދަ ނުހޯދައި އެގޮތަށް ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކުން ހިދުމަތް ނުހޯދުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ވަނީ އެފަދަ ވިޔަފާރިތައް އޮންލައިންކޮށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *