ރަބީޢު އައުން، ޚަރީފު އައުން، އެއީ ލޯބީގެ މާނައަކީ
ޢަބީރު ލިބުން، އެ ދެމި ނުހުރުން އެއީ ދުނިޔޭގެ މާނައަކީ
ދެ މަގު ހިތަކަށް ހިނގާން ލިބިފައި، އަނދިރިޔާ އަލި ލޮލަށް ފެނިފައި،
ޢަމަލު ޒީނަތްވެގެންވުމަކީ، އެއީ ނަފުސެއްގެ މާނައަކީ
ކަލާނގެ ވުޖޫދުގައި ވެވުމާ، އަޅާޔާ ތާ އަބަދު ގުޅުމާ،
ސަލާމަތް ދެ ދުނިޔޭގެ އޮތުން، އެއީ ދީނެއްގެ މާނައަކީ
ބަހާއި ސަޤާފަތާ ދީނާ، ވަފާޔާ ކުލުނު – މިނިވަންކަން،
މަހާލެވިފައި ވި ރައްޔިތަކީ، އެއީ ޤައުމެއްގެ މާނައަކީ
ލޮލުން ފޫދުނު ކަރުނަ ތިއްކާ، އެ ފޮހެލަން ހޯދި ގޮތް ފައްކާ
އަލުން ވިސްނައިފި ނަމަ – މިތުރާ، އެއީ މާޒީގެ މާނައަކީ
އަބަދު އެއް ޙާލުގައި ނެތުމާ، ބަނދަރު ކަށަވަރުވެފައި އޮތުމާ،
ޑަބަލު ހިންމަތް ކުރަން ޖެހުމީ، އެއީ ދަތުރެއްގެ މާނައަކީ
މި ކަންކަން ފަހުމުކޮށްގަތުމާ، އެ ތައް ރޮނގަކުން ފިކުރުކުރުމާ،
އެކަން މޮޅު ދަރުސަކަށް ނުވި ނަމަ، ކޮބާ މާނައިގެ މާނައަކީ؟