ވަދާޢުކިޔަމުން ދަނީއެ ރަމަޟާން ހިދާޔަތަށް ހުށަހަޅާލަދީފާ
އަދާތަކުން ދިން މަޒާގެ ރާޙަތު ހަނދާންތަކާ ލާމަހާލަދީފާ
ވުޖޫދުވީހިނދު ވިމާތް މިމައްސަރު ޤުދޫމުގައި ލެއްވި ރޯދަވާޖިބު
ހުދޫދު ނެތް ދަރުމަ އޭގެމިންވަރު ނަޞީބު ޢަމަލާ ގުޅާލަދީފާ
ކިޔާށަ ތަކުބީރު މާތް އިލާހަށް ކުރާށަ އަދި ޝުކުރު ذوالجلالއަށް
ހިދާޔަތާ ދެއްވި ހެޔޮ ފަލާހަށް ކިޔައިދެމުން މަގު ކޮށާލަދީފާ
ފޮޅޭހެނޭ ހީވަނީ ވެލާއަލި ވަޙީގެ ބަސްމަގުގެ މާމެލާމެލި
ގުޅޭގޮތުން އޭގެ ވަސް ހިތާ މުޅި މުތީގެ ލަފުޒުން ގަތާލަދީފާ
ސިޔާސަތާ ޙިކުމަތުން އެދެއްކެވި ވިމާތް އެމައްކާ ފަތަޙަކުރެއްވެވި
ޤިޔާދަތުގެ ސާހިބަށް ވިމަތިވެރި ސަނާތަކުން ހިތް ފުރާލަދީފާ
ޖިހާދުގާ ކުރި އެބަދުރު ޣަޒުވާ ނިހާޔަތުން ހިއްވަރާއި އަޒުމާ
ވިހާލިވިއްސިވެ ޢިނާދު ކުފުރާ ފިލާ އެދިޔަގޮތް ކިޔާލަދީފާ
އެރީތި ކީރިތި އެރީތި މޫރިތި ޖަރީވެ ދުނިޔޭގެ އަލިވެ ބިންމަތި
އެރޭގެ ހެޔޮކަން ވެގެންވި ދީލަތި ރެއެއްގެ ބުޝްރާ ފަވާލަދީފާ
މިތާގެ މަޤުޞަދު ފުދޭނެ ޒާތުން ހިނގާ އެޝައްފާފު މީރުއާރުން
ހިތާއި ނަފުސާ ވެސާފު ފާރުން ހިމާޔަތަށް ދޮރު މޮހާލަދީފާ
ދުޢާތަކަށް އަޅުތަކުންގެ އަޅުވެތި އިޖާބަދެއްވާ ކަލެއްގެ ލޮބުވެތި
ޢިނާޔަތާ ރަޙުމަތުން ވިދީލަތި އިނާމުތައް ބައްސަވާލަދީފާ
