ކުޑައިރު އަބަދުވެސް އެދެވެނީ ބޮޑުމީހަކަށް ބޮޑުވެލުމަށޭ
ބޮޑުވާފަހުން ދެން އެދެވެނީ ޅަދުވަސް އެނބުރި އަދި އައުމަށޭ
ނެތްނަމަ ވަޒީފާއެއް ތިމާ އެދެނީ ވަޒީފާ ލިބުމަށޭ
ދެން ހަމަ އެކަން ލިބުމާއެކީ އެދެނީ އެ މިނިވަންވެލުމަށޭ
މުއްސަނދި މުދާވެރި މަހުޖަނުން ވަރުބަލިވަނީ ބައްކުރުމަށޭ
ހުސްއަތުގެވެރި ދެރަ ނިކަމެތީން ހިނގަނީ ފުރާގެއް ލިބުމަށޭ
ދަރިއަކު ނުވާހިނދު ދެމަފިރީން މަރުދީ އެއުޅެނީ އެކަމަށޭ
ދަރިޔަކު ހުރިއްޔާ މައިންބަފައިން ކަންބޮޑުވަނީވެސް އެކަމަށޭ
ސިފަހުތުރު މީހާ ހުންނަނީ ޝަކުވާ އެކަމުގާ ކޮށްކޮށޭ
ސިފަރީތި މީހާ އެކުރަނީ ޝަކުވާ އެހެން ނެތް ކަމަކަށޭ
ހާސިލްނުވާ އޮތްނަމަ ކަމެއް ދެކެނީ ވަރަށް މޮޅުކަމަކަށޭ
ހާސިލްވުމުން ވަރިހަމަވެފާ އާދައިގެ އެވަނީ ކަމަކަށޭ
ތަގުދީރު ކުޅުވާ ކުޅިވަރެއް ވާންވީ ރަނގަޅު ކުޅިވަރަކަށޭ
ތަދުބީރު އެގޮވާ ގޮވެލިފަތި ނިމެނީ ނަތީޖާ ސުމަކަށޭ
