Support Us

ފަހު10 ގައި ހާޒިރީ ޢިނާޔަތް ލިބޭ ގޮތަށް ހަމަޖައްސަވައިފި

ރަމަޟާން މަހުގެ ފަހު 10 ގައި ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށްޓަކައި، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތީން، އެ އިދާރާއިން މަސައްކަތަށް ނުކުންނަންޖެހޭ ކަމަށް ކަނޑައަޅާ މުވައްޒަފުން މަސައްކަތަށް ނިކުންނަ ހުރިހާ ދުވަހަކަށް ހާޒިރީ ޢިނާޔަތް ލިބޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.

މިގޮތަށް ހަމަޖެހުނީ ނޭޝަނަލް ޕޭ ކޮމިޝަނުން، ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް ގެނައި އިޞްލާޙުތަކުގެ ތެެރެއިންނެވެ. ދައުލަތުގެ ޕޭ ފްރޭމްވަރކަށް ގެންނަވާފައިވާ މުހިންމު ބަދަލުތަކުގެ ތެރޭގައި މީގެ އިތުރުން ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ހިމެނޭ ހުރިހާ ދުވަހަކީ ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ "ރަސްމީ ބަންދު ދުވަސް" ތައް ފަދަ ދުވަސްތަކެއްގެ ގޮތުގައި ބަލައިގެން، ރަސްމީ ބަންދުތަކުގައި މަސައްކަތް ކުރުމުން ލިބޭނެ ކަމަށް އެ ޤާނޫނުގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ ޢިނާޔަތް ދޭންވާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ.

ހަމަ އެއާއެކު ރަމަޟާން މަހުގެ މި ދުވަސްތަކުގައި އިތުރުގަޑީގެ ފައިސާ ދިނުމުގައި ހިސާބު ކުރަންވާނީ، ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށް ކަމުގައިވެސް ބަޔާންކުރައްވާފައިވެއެވެ. އަދި ރަސްމީ ކަލަންޑަރުގައި ކަނޑައަޅާފައިވާ ބަންދު ދުވަސްތަކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމަކުން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާ ދުވަސްތަކަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި ހިސާބު ކުރާނީ، ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށް ކަމުގައިވެސް ބަޔާންކޮށްފައިވެއެވެ. މިގޮތަށް ފައިސާ ދިނުމުގައި މިހާރު ކަނޑައަޅާފައި އޮންނަ 10 އިންސައްތައިގެ ތެރޭގައި އެ ދުވަސްތައް ނުހިމަނައި، އެ ދުވަސްތަކުގައި އިދާރާއިން މުވައްޒަފުން ލައްވާ ކުރުވާ ހުރިހާ މަސައްކަތު ވަގުތުތަކަށް އިތުރުގަޑީގެ ފައިސާ ދެވޭނެކަމުގައި ބަޔާންކޮށްފައިވެއެވެ.

އަދި މަޤާމަށް ކަނޑައަޅައިފައިވާ މުސާރައާއި ޢިނާޔަތްތަކުގެ މިންގަނޑުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ހިމެނޭ ދުވަސްތަކުގެ ތެރެއިން ހުކުރު އަދި ހޮނިހިރު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކަށް، އެ މުވައްޒަފުން އޮފީހަށް ހާޒިރުނުވިކަމުގައިވިޔަސް ހާޒިރީ ޢިނާޔަތް ދޭންވާނެކަމުގައި ކަނޑައަޅާފައިވެއެވެ.

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކުގެ ހަތް ވަނަ އިޞްލާޙަށް ޢަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އިޞްލާޙު ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *