ސްޓެލްކޯއިން ހަރަދުކޮށްގެން އިންޖިނިއަރިންގެ ދާއިރާއިން މަތީ ތައުލީމަށް ކިޔެވުމުގެ ތިން ސްކޮލަޝިޕަށް ފުރުސަތު ހުޅުވާލައިފިއެވެ.
ސްޓެލްކޯގެ މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕްގެ ދަށުން އިނގިރޭސި ވިލާތުގައި ބެޗްލާސް ޑިގްރީއަށް ކިޔެވުމަށް ތިން މީހަކަށް ފުރުސަތު ދޭންވަނީ ހަމަޖައްސައިފައި ކަމަށް އެ ކުންފުނިން އިއްޔެ ބުންޏެވެ.
އޭގެ ތެރެއިން މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއިން ދެ މީހަކަށް ފުރުސަތު ދޭއިރު އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގެ ދާއިރާއިން އެކަކަށް ފުރުސަތު ދޭން ވަނީ ނިންމައިފައެވެ.
އިއްޔެއިން ފެށިގެން އަންނަ މަހުގެ ނިޔަލަށް އެޕްލިކޭޝަން ފޯމް ހުށަހަޅަން ފުރުސަތު ހުޅުވާލާފައިވާ ސްކޮލާޝިޕްތަކުގައި ކިޔަވަން ދާން ތިން ޔުނިވާސިޓީއަކުން ޖާގަ ދޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އެއީ މެންޗެސްޓާ އާއި ލީޑްސް އަދި ސައުތުއެމްޕްޓަން ޔުނިވާސިޓީންނެވެ. މީގެ ތެރެއިން އެ މީހަކު ބޭނުންވާ ޔުނިވާސިޓީއެއް އިހުތިޔާރު ކުރެވެއެވެ.
ހުރިހާ އަސާސީ ހަރަދެއް ސްޓެލްކޯއިން ބަލަހައްޓާ މި ސްކޮލާޝިޕްތަކަށް ކުރިމަތިލެވޭނީ އަންނަ މަހުގެ ނިޔަލުގެ ކުރިން އުމުރުން 25 އަހަރު ނުވާ ދިވެހިންނަށެވެ.
ކޯސް ނިންމުމަށް ފަހު ހިދުމަތްކުރަންޖެހެނީ ސްޓެލްކޯގައެވެ. އަދި ކޯސް ފެށުމުގެ ކުރިން އެ ކުންފުނީގައި ހަ މަހުގެ އިންޓާންޝިޕް ހަދަން ޖެހޭނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ. ނަމަވެސް ކޯސް ފެށޭ ދުވަހަށް ބަދަލު އަތުވެއްޖެ ނަމަ އިންޓާންޝިޕްގެ މުއްދަތަށް ބަދަލު ގެންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"މި ސްކޮލާޝިޕްތަކުގެ މަގުސަދަކީ، ރާއްޖޭގައި އިންޖިނިއަރިން ދާއިރާގެ އެންމެ ކުރީ ސަފުގައި އޮތް ކުންފުނީގެ ގޮތުން، މި ދާއިރާއިން ކުރިއަށް ދާހިތްވާ ޒުވާނުންނަށް ފެންވަރު ރަނގަޅު ތައުލީމު ދިނުމަށް މަގުފަހިކޮށްދިނުން،" ސްޓެލްކޯއިން ބުންޏެވެ.
މިއީ ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސް (އެސް.ޓީ.އީ.އެމް) ދާއިރާއިން ކުރިއަރައިގެން އައުމަށް ބޭނުންވާ މީހުން ފާހަގަކޮށް، ސްޓެލްކޯގެ އިންޖިނިއަރިން ދާއިރާގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ޒުވާނުންނަށް ހުޅުވައިލި ފުރުސަތެއް ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
އެ ކުންފުނިން އިއްޔެ ހުޅުވައިލި މި ސްކޮލާޕްޝިޕްތަކާ ބެހޭ މައުލޫމާތު ތިރީގައި މިވާ އިންޓަނެޓް ލިންކުތަކުން މިހާރު ލިބޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އެއީ:



advertisment

