ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ ހިލާފްވެގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ޕީޕީއެމްގެ ނައިބް ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް 1000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
ޕީޕީއެމް/ޕީއެންސީން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި ސައިކަލް ބުރަށްފަހު ބޭއްވި އެއްވުމާ ގުޅިގެން ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގެންނެވުމަށްފަހު މީޑިއަތަކަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމްގެ ވަކީލް ހަސަން ނަޖީބު ވިދާޅުވީ އަބްދުއްރަހީމް ޖޫރިމަނާކޮށްފައިވަނީ އެއްވެސް ގައިދުރުކަމެއް ބެހެއްޓުމެއް ނެތި އެ ދުވަހު ހަވީރު ބޭއްވި ސައިކަލް ބުރުގައި ބައިވެރިވެވަޑައިގެންފައިވާތީ ކަމަށެވެ. ނަމަވެސް އެ ޖޫރިމަނާ އަށް އިންކާރު ކުރާ ކަމަށާއި އެ މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް އަބްދުއްރަހީމްގެ ވަކީލް ވަނީ ވިދާޅުވެފަ އެވެ.
ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެންނެވުމަށްފަހު މީޑިއަތަކަށް މައުލޫމާތު ދެއްވަމުން ޝިޔާމް ވިދާޅުވީ އިދިކޮޅު ފަރާތްތައް ފުލުހަށް ހާޒިރުކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށާއި ފުލުހުންގެ އިދާރާއަށް ގެންދިޔަ ނަމަވެސް އިދިކޮޅުން ފަހަތަށް ނުޖެހޭނެ ކަމަށެވެ. ޝިޔާމް ވިދާޅުވީ ޖޫރިމަނާ ކުރި ފައިސާ ވެސް ދައްކަވާނެ ކަމަށާއި ޖޫރިމަނާ ކުރިޔަސް ރައްޔިތުންގެ ހައްގުގައި ކުރަން ފެށި މަސައްކަތްތައް ހުއްޓާނުލާނެ ކަމަށެވެ.
"ފުލުހުންގެ އެންމެ އިސްކޮށް މިހުންނަނީ ސިޔާސީ ބޭފުޅެއް އެބޭފުޅާގެ މަތިން މިއަންނަނީ ރައީސުލްޖުމްހޫރިއްޔާގެ އޯޑަރު. އެ އޯޑަރު އައިމައި އެ އޯޑަރަށްތާ ކަންތައްތައް ކުރަން މިޖެހޭ. އަޅުގަނޑުމެންނަކީ ވާދަވެރި ސިޔާސީ ޕާޓީތަކުގެ ޒިންމާދާރުމަގާމުތަކެއްގައި ތިބި ބައެއް. އަޅުގަނޑުމެންނަށް ގާނޫނުން އެބަލާޒިމްކުރޭ ސަރުކާރު ޒިންމާކުރަން. އަޅުގަނޑުމެންނަށް މިހެން ޗިޓެއް ފޮނުވައިލައިގެން އަޑުގަނޑުމެން ފަހަތަށް ޖެހޭނެއޭ އިބްރާހިމް މުހައްމަދު ސޯލިހް ހީފުޅުކުރައްވައިގެން ނުވާނެ،" ސިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ދިވެހި ރާއްޖޭގައި އިޢުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ދިވެހި ރައްޔިތުންގެ ހައްގުތައް ހޯދަން ދިވެހިރައްޔިތުން ނިކުންނާނެ ކަމަށެވެ. އަދި މިއަދު ރައްޔިތުން ތިބި ހާލަތު ރައްޔިތުންނަށް އެނގޭ ކަމަށާއި ދިވެހި ރައްޔިތުން އަތްދޮންނާށޭ ކިޔާފައި ގެއަށް ވައްދާ ބަހައްޓާފައި ދައުލަތުގެ ބައިތުލްމާލު ދޮވެލާފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ރައްޔިތުންނަށް ތިންއިރު ކާނެ އެއްޗެހި ނުލިބޭ ރައްޔިތުން އެބައުޅޭ. ދަރިފުޅުގެ ނެޕީ ގަންނާނެވަރު ނުލިބިގެން އުޅޭ ރައްޔިތުން އެބައުޅޭ. ޒުވާނުންގެ ވަޒީފާތައް ގެއްލިއްޖެ. އާއްމުދަނީ ހޯދަން ސިނާޔަތްތަކުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއްގެ އާއްމުދަނީތައް އެވަނީ ހުއްޓިފައި. މިސަރުކާރުން ހަތް މަސް ދުވަސް ވަންދެއް މިކުރި ކަންތައް ރައްޔިތުންނަށް އެބައޮޅޭ. އެހެންވެ ރައްޔިތުން މިއަދު މަގުމައްޗަށް ނިކުންނަނީ. އަޅުގަނޑުމެން އަބަދުވެސް ތިބޭނީ ރައްޔިތުންނާ އެކުގައި،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ރައްޔިތުން އެމީހުންގެ ހައްގުތައް ހޯދަން ކުރާ މަސައްކަތުގައި އިދިކޮޅުން ފަހަތަށް ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުކުރު ދުވަހު މާލޭގައި އިދިކޮޅު ކޯލިޝަނުން ބޭއްވި އެއްވުމާ ގުޅިގެން އިދިކޮޅު ސިޔާސީ ފަރާތްތައް ފުލުހަށް ގެންދަނީ ހާޒިރުކުރަމުންނެވެ. އެގޮތުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ސުޖާއު ފުލުސް އޮފީހަށް އިއްޔެ ވަނީ ހާޒިރުކޮށްފައެވެ. އަދިސުޖާ ވަނީ 1000ރ. އިން ޖޫރިމަނާކޮށްފައެެވެ.



advertisment