ރާއްޖޭގެ ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަންގެ އިކޮނޮމީ ކްލާހުން ދަތުރުކުރާ ފަސިންޖަރުންނަށް ހާއްސަ ހިދުމަތްތަކެއް އަންނަ މަހު 13 އިން ފެށިގެން ހުރިހާ އެތެރޭގެ މަންޒިލްތަކަށް އަލަށް ތައާރަފު ކުރާނެ ކަމަށް މިއަދު އިއުލާންކޮށްފިއެވެ. "ޕްރީމިއަމް އިކޮނޮމީ" ތަޖުރިބާ ނަމުގައި ދޭ މި ހިދުމަތުން ދަރުތުވެރިންނަށް އިތުރު ފަސޭހަ އާއި އަރާމު ލިބި، ފަސިންޖަރުންނަށް އިތުރަށް ތަރައްގީ ކުރެވިފައިވާ ދަތުރު ތަޖުރިބާއެއް ލިބޭނެ ކަމަށް މޯލްޑިވިއަނުން ނެރުނު ނޫސް ބަޔާނެއްގައި ބުންޏެވެ.
މިއަދުން ފެށިގެން ޕްރިމިއަމް އިކޮނޮމީ ކްލާހުން ސީޓު ބުކް ކުރެވޭނެ ކަމަށާއި އެތައް އިތުރު ހިދުމަތްތަކެއް މި ކަމުން ލިބޭނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ. އޭގެ ތެރޭގައި ދާގީނާއަށް 25 ކިލޯ ލިބުމާއި ޓިކެޓްގެ ތާރީހަށް ބަދަލު ގެނައުމަށް ހިލޭ އެއް ފަހަރު ފުރުސަތު ލިބުމާއި އެއާޕޯޓްގައި ޗެކް-އިން ވުމަށް އިސްކަން ލިބުން ހިމެނެއެވެ.
މާލެއިން ފުރާ ފްލައިޓްތަކުގައި ފަސިންޖަރުންނަށް މޫނިމާ ލައުންޖަށް ވަދެ، ފުރުމުގެ ކުރިން އަރާމުކޮށްލައި ހަމަޖެހިލެވޭނެއެވެ. މި ލައުންޖަކީ އަމާން މާހައުލެކެވެ. އެ ގޮތުން ހަމަޖެހިލައިގެން ތިބެވޭ ސީޓުތައްވެއެވެ. އަދި ލުއި ކެއުމާއި ލުއި ބުއިމާއި އަރާމު ކޮށްލަން ބޭނުންވާ އެހެނިހެން ހިދުމަތްތައް ލިބޭނެއެވެ.
ދަރަވަންދޫންނާއި އިފުރުން ފުރާ ފަސިންޖަރުންނަށް އެ ތަންތަނުގައި ހުންނަ ލައުންޖުތަކަށް ވަދެވޭނެއެވެ.
"ޕްރިމިއަމް އިކޮނޮމީ ފަސިންޖަރުންނަށް ފްލައިޓަށް އެރުމުގައި އިސްކަން ދެވޭނެ،" މޯލްޑިވިއަންގެ ބަޔާނުގައި ބުންޏެވެ.
ފްލައިޓަށް އެރުމަށް ފަހު ވެސް ލުއި ކެއުމާއި ލުއި ބުއިން ހިލޭ ލިބޭނެއެވެ.
"މި އިތުރު ފަސޭހަތަކުގެ އިތުރުން ވެސް ޕްރިމިއަމް އިކޮނޮމީ ކްލާހުގެ ފަސިންޖަރުންގެ ދާގީނާ، ސެކިއުރިޓީ އަދި ކަސްޓަމްސްއިން އަވަހަށް ކްލިއަ ކޮށްދިނުން ހިމެނޭ. މިހެންވުމުން މަންޒިލަށް އާދެވުމުން އެންމެ ފުރަތަމަ ދާގީނާ ހަވާލުކޮށްދިނުމުގައި ޕްރިމިއަމް އިކޮނޮމީ ކްލާހުގައި ދަތުރު ކުރާ ފަސިންޖަރުންނަށް އިސްކަންދެވޭނެ،" މޯލްޑިވިއަނުން ބުންޏެވެ.
އެ އެއާލައިނުން ބުނީ މި އާ ޕްރިމިއަމް އިކޮނޮމީ ކްލާހުގެ ހިދުމަތާއި އޭގެން ލިބޭ އިތުރު ފައިދާތައް ތަޖުރިބާކޮށްލަން ދައުވަތު ދޭ ކަމަށެވެ.
"މި އަލަށް ތައާރަފު ކުރެވުނު ޕްރިމިއަމް އިކޮނޮމީ ކްލާހުގެ ހިދުމަތް މިހާރު ގަންނަން ފުރުސަތު ލިބޭނެ. މި ކްލާހުގައި ދަތުރު ކުރުމަށް މި އެއާލައިންގެ ވެބްސައިޓާއި މޮބައިލް އެޕާއި އެހެނިހެން ބުކިން ދާއިރާތަކުން ބުކްކޮށްލެވޭނެ،" މޯލްޑިވިއަނުން ބުންޏެވެ.



advertisment

