Support Us

ސުޝާންތުގެ މަރުގެ މައްސަލަ:

ސުޝާންތު ފައިސާއާ މެދު ކަންބޮޑުވާކަން ފާޅުކުރި

ބޮލީވުޑްގެ ފިލްމީ ތަރި ސުޝާންތު ސިންގ ރާޖްޕޫތު ފައިސާއާ މެދު ކަންބޮޑުވާކަން ފާޅުކުރި އޯޑިއޯ ޓޭޕުތަކެއް ލިބިއްޖެ ކަމަށް އިންޑިއާ ޓުޑޭއިން ބުނެފިއެވެ.

އިންޑިއާ ޓުޑޭއިން ބުނީ މި އަހަރުގެ ޖެނުއަރީ މަހު ކޮށްފައިވާ މުއާމަލާތްތަކުގައި ރިއާ ޗަކްރަބޯތީވެސް ހިމެނޭއިރު، އެމީހުން ބޮޑަށް ދައްކާފައިވަނީ ފައިސާއާއި ބެހޭ ވާހަކަތައް ކަމަށެވެ. ރެކޯޑިންގތަކުން ސުޝާންތު އަދި ރިއާގެ އިތުރުން ސުޝާންތުގެ މާލީ ކަންކަން ބަލަހައްޓާ މެނޭޖަރާއި އިތުރު އެހެން ބައެއްގެ އަޑުވެސް އިވެއެވެ.

އިންޑިއާ ޓުޑޭއިން ބުނިގޮތުގައި ސުޝާންތު ވަނީ ރިއާ އަދި އޭނާގެ މެނޭޖަރާއެކު ފައިސާ ރައްކާކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި އޭނާގެ ހާލަތު ހުރި ގޮތުން އެ ނޫން ގޮތެއް ނެތް ކަމަށް ބުނެ، އޭނާގެ ކާރު ވިއްކާލަން ވިސްނާ ކަމަށް ވެސް ސުޝާންތު ވަނީ ބުނެފައެވެ. އަދި އެކަމަށް ތާއީދުކޮށް ރިއާ ވެސް ވަނީ ސުޝާންތުގެ މަސަރާޓީ ކާރު ވިއްކާލާފައި އާދައިގެ ކާރެއް ގަތުމަށް ހުށަހަޅާފައެވެ. އެމީހުންނާއެކު އެ މުއާމަލާތުގައި ބައިވެރިވި އެހެން މީހަކު ވަނީ އެއީ އެހާ ބުއްދިވެރިކަމެއް ނޫން ކަމަށް ބުނެ، އެކަމާމެދު އިތުރަށް ވިސްނަން ސުޝާންތުގެ ކިބައިން އެދިފައެވެ.

ބާރަ މިނެޓަށް ދިގުދެމިގެންދާ އެ އޯޑިއޯތަކުގައި ސުޝާންތުގެ ސިއްހީ ހާލަތާމެދު ވެސް ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ސުޝާންތުގެ ބައިޕޯލަރ ޑިސްއޯޑަރ ހުންނަ ކަމަށް ބުނެ، އެކަމުގެ ސަބަބުން ފިލްމީ ދާއިރާއިން ކުރިއަށް ދެވޭނެހެން ހީނުވާ ކަމަށް ސުޝާންތު ވަނީ ބުނެފައެވެ.

ޓައިމްސް ޓުޑޭއިން ބުނިގޮތުގައި އެ ނޫހުން ހޯދާފައިވާ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ކަމާއި، އެއަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާކަން ފޮރެންސިކް އެގްޒެމިނަރެއް ވަނީ ކަށަވަރުށްދީފައެވެ. އެ ނޫހުން ވަނީ އެ އޯޑިއޯތައް ޔޫޓިއުބްގައި އާންމުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *