Support Us

އެއާ އެމްބިއުލެންސްގެ ހިދުމަތް މޯލްޑިވިއަނުން ދޭތާ އެއް އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތް ފަރާތްތައް

އެއާ އެމްބިއުލެންސްގެ ހިދުމަތަށް އެއް އަހަރު ފުރުން މޯލްޑިވިއަނުން ފާހަގަކޮށްފި

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން އެއާ އެމްބިއުލެންސްގެ ހިދުމަތް ދޭތާ އެއް އަހަރު ފުރުން މިއަދު ފާހަގަކޮށްފިއެވެ.

މި ތާރީހީ މަރުހަލާ ފާހަގަ ކުރުމަށް މޯލްޑިވިއަނުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އުތުރު އޭޕްރަންގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

މި ހަފުލާގައި އެއާ އެމްބިއުލެންސްގެ ގޮތުގައި ބޭނުންކުރާ މަތިންދާބޯޓު ދައްކައިލިއެވެ. އަދި ކެބިނެޓްގެ ބައެއް ވަޒީރުން ބައިވެރިވެ ވަޑައިގަތެވެ. އޭގެ ތެރޭގައި ދަތުރުފަތުރާއި މަދަނީ އުދުހުމާ ބެހޭ ވަޒީރު ކެޕްޓަން މުހައްމަދު އަމީން އާއި ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ހިމެނެއެވެ. މީގެ އިތުރުން މޯލްޑިވިއަން ހިންގާ ދައުލަތުގެ ކުންފުނި ކަމަށްވާ އައިލެންޑް އެވިއޭޝަން ސާވިސަސް ލިމިޓެޑް (އައި.އޭ.އެސް.އެލް)ގެ މެނޭޖްމަންޓްގެ އިސް އޮފިޝަލުންނާއި އެއާ އެމްބިއުލެންސްގެ ހިދުމަތް ދިނުމުގައި ބައިވެރިވާ އިދާރާތައް ތަމްސީލުކުރާ ފަރާތްތަކުން ވެސް ބައިވެރިވެ ވަޑައިގަތެވެ.

މިހާތަނަށް މި މަހުގެ އެއް ވަނަ ދުވަހާ ހަމައަށް ސިއްހީ މައްސަލަތައް ކުރިމަތިވެގެން އުފުލި މީހުން ހިމެނޭ 787 ފްލައިޓް އޮޕަރޭޓްކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބަލި މީހުންނާއި ޒަހަމް ލިބިފައިވާ މުޅިއެކު 931 ފަސިންޖަރުންނެވެ.

އެއާ އެމްބިއުލެންސްގެ ހިދުމަތް މޯލްޑިވިއަނުން ދޭ މަތިންދާބޯޓުގައިވަނީ ސިއްހީ ހިދުމަތް ދޭ ހާއްސަ އާލާތްތައް ހިމަނައިފައި

 

އެއާ އެމްބިއުލެންސްގެ ހިދުމަތް ދެނީ ސިއްހީ ވުޒާރާ އާއި އެމަޖެންސީ މެޑިކަލް ސާވިސަސް އާއި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަދި އާސަންދަ ކޮމްޕެނީ ލިމިޓެޑް ގުޅިގެންނެވެ.

އެއާ އެމްބިއުލެންސްގެ ހިދުމަތް މޯލްޑިވިއަނުން ދޭތާ އެއް އަހަރު ފުރުން މިއަދު ފާހަގަ ކުރި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތް ބައެއް އޮފިޝަލުން އެ މަތިންދާބޯޓުގެ އެތެރެ ބައްލަވައިލައްވަނީ

މި ހިދުމަތަކީ މުޅި ރާއްޖެ ހިމެނޭ ގޮތަށް ސިއްހީ ހިދުމަތާއި ކުއްލި ހާލަތުގައި އެހީ ދިނުމުގެ ގާބިލުކަން އިތުރުކުރަން ސަރުކާރުން ކުރާ މަސައްކަތެކެވެ. އެ ގޮތުން އެއާ އެމްބިއުލެންސްގެ ހިދުމަތުން ކޮންމެހެން މުހިންމު ސިއްހީ އެހީއަށް ބޭނުންވާ މީހުންނަށް ދަތުރުފަތުރުގެ މަގުފަހިކޮށްދިނުމާއި އެ ކަމަށް އެހީތެރިވުމާއި ބަލިމީހުންނަށް ބޭނުންވާ ފަރުވާ ވަގުތު އޮއްވާ ދިނުމާއި އެއީ ފުރިހަމަ ފަރުވާއެއް ކަމަށް ކަށަވަރު ކުރުން ހިމެނެއެވެ.

އެއާ އެމްބިއުލެންސްގެ ހިދުމަތް މޯލްޑިވިއަނުން ދޭތާ އެއް އަހަރު ފުރުން މިއަދު ފާހަގަ ކުރި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތް ބައެއް އޮފިޝަލުން އެ މަތިންދާބޯޓުގެ އެތެރެ ބައްލަވައިލައްވަނީ

ޒަމާނީ ސިއްހީ އާލާތްތައް ހިމެނޭ މި މަތިންދާބޯޓު ބޭނުންކޮށްގެން އަވަސް އަދި ރައްކާތެރި ގޮތެއްގައި ބަލި މީހުންނަށް ސައްވީސް ގަޑިއިރު މި ހިދުމަތް ދެއެވެ.

އެއާ އެމްބިއުލެންސްގެ ހިދުމަތް މޯލްޑިވިއަނުން ދޭތާ އެއް އަހަރު ފުރުން މިއަދު ފާހަގަ ކުރި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތް ބައެއް އޮފިޝަލުން އެ މަތިންދާބޯޓުގެ އެތެރެ ބައްލަވައިލައްވަނީ

"މޯލްޑިވިއަނުން ލާމަސީލު ގޮތެއްގައި އަދި ވަގުތުން ސިއްހީ ހިދުމަތަށް ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ދެމިހުންނާނަން. މި ކަމުގެ ސަބަބުން ދިވެހި މުޖުތަމައުގެ ދުޅަހެޔޮކަމަށް ފާހަގަކޮށްލެވޭ ހިއްސާއެއްވެވޭ. އެއާ އެމްބިއުލެންސްގެ ހިދުމަތުގެ ކާމިޔާބީއަކީ ސަރުކާރުގެ އެކި އިދާރާތައް ގުޅިގެން ވިލަރެސް ކުރެވުމާއި ސިއްހީ ދާއިރާއިން ލިބޭ ދެގޮތެއް ނުވާ އެހީތެރިކަމުގެ ހެއްކެއް،" އައި.އޭ.އެސް.އެލްއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެއާ އެމްބިއުލެންސްގެ ހިދުމަތް ދޭ މަތިންދާބޯޓުގައިވާ މޯލްޑިވިއަން އެއާލައިންގެ ލޯގޯ

"މި އިސްނެގުމަކީ މުޅި ރާއްޖެއަށް ސިއްހީ ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމާއި ކުއްލި ހާލަތްތަކަށް ހިދުމަތް ދިނުމުގެ ގާބިލުކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވެވަޑައިގަތްފައިވާ ވައުދާ އެއްގޮތަށް ދެވޭ ހިދުމަތެއް. މި މުހިންމު ހިދުމަތް ހަގީގަތަކަށް ހެއްދެވުމަށް ރައީސްގެ ދުރު ވިސްނޭ ހިންގުންތެރިކަމާއި ދެގޮތެއް ނުވާ ތަރުހީބަށް އަހަރެމެން ހިތުގެ އަޑިން ޝުކުރު އަދާކުރަން،" އައި.އޭ.އެސް.އެލްގެ ބަޔާނުގައި ބުންޏެވެ.