Support Us

ހަނިމާދޫން ބެންގަލޫރަށް "މޯލްޑިވިއަން"ގެ ސީދާ ދަތުރުތައް ފަށަނީ

އަންނަ މެއި މަހުގެ 15 އިން ފެށިގެން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ބެންގަލޫރަށް ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން"ގެ ސީދާ ދަތުރުތައް ފަށާނެ ކަމަށް އައިލެންޑް އެވިއޭޝަން ސާވިސަސް ލިމިޓެޑް (އައި.އޭ.އެސް.އެލް)އިން މިއަދު ބުނެފިއެވެ.

މިއީ ރާއްޖޭގެ އުތުރުގެ ސަރަހައްދުތައް ދެކުނު އޭޝިއާގެ ސަރަހައްދުތަކާ ވައިގެ މަގުން އިތުރަށް ގުޅުވައިލަން "މޯލްޑިވިއަނު"ން އިސްނަގައިގެންކުރާ ކަމެއް ކަމަށް އައި.އޭ.އެސް.އެލްއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"މި މަގު ހުޅުވައިލުމުގައި 'މޯލްޑިވިއަން’ގެ އަމާޒަކީ ރާއްޖޭގެ އުތުރުގެ ފަސިންޖަރުންނަށް ދަތުރުފަތުރުގެ އިތުރު ފުރުސަތުތަކަށް މަގުފަހިކޮށްދިނުން. އެއީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ސަގާފީ އަދި އިގުތިސާދީ ގުޅުންތައް ވެސް ގާއިމު ކުރަމުން،" އައި.އޭ.އެސް.އެލްގެ ބަޔާނުގައި ބުންޏެވެ.

އެ ތަނުން ބުނީ މާދަމާއިން ފެށިގެން ހަނިމާދޫ-ބެންގަލޫރު މަގަށް ޓިކެޓް ބުކް ކުރެވޭނެ ކަމަށެވެ. އެއީ "މޯލްޑިވިއަން"ގެ ސޭލްސް ޗެނަލްތަކާއި ރަސްމީ ވެބްސައިޓާއި މޮބައިލް އެޕާއި އަދި ޓިކެޓް ވިއްކާ އޮފީސްތަކުންނެވެ.

"މި ގޮތަށް އަވަހަށް ބުކް ކުރުމުން ދަތުރުވެރިންނަށް މާކުރިން ދަތުރު ރާވައިލައި ދަތުރު ކަށަވަރުކޮށްލެވޭނެ،" އައި.އޭ.އެސް.އެލްއިން ބުންޏެވެ.

ހަނިމާދޫ-ބެންގަލޫރު މަގު އެންމެ ފުރިހަމައަށް ފަސޭހަކޮށްދިނުމުގެ ގޮތުން "މޯލްޑިވިއަނު"ން ހަފުތާއަކު ދެ ފަހަރު ބެންގަލޫރަށް ފުރާނެއެވެ. އެއީ ކޮންމެ އާދީއްތަ ދުވަހަކާއި ބުރާސްފަތި ދުވަހުއެވެ.

ފްލައިޓްތައް ޝެޑިއުލްކޮށްފައިވަނީ ހާއްސަ ގޮތެއްގައި އެންމެ ގިނަ ދަތުރުކުރާ ދުވަސްވަރު ވެސް މުނިފޫހިފިލުވުމަށާއި ވިޔަފާރިއަށް ދަތުރުކުރާ ފަސިންޖަރުންނަށް ފަސޭހަވާނެ ގޮތަށެވެ.

"އަހަރެމެންގެ ވިއުގަ ފުޅާކޮށްލުމަށް ހަނިމާދޫ-ބެންގަލޫރު މަގު ތައާރަފުކުރުމާމެދު އުފާކުރަން،" "މޯލްޑިވިއަން"ގެ މެނެޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވިއެވެ.

"މި އާ ހިދުމަތުގެ ސަބަބުން އަހަރެމެންގެ ފަސިންޖަރުންނަށް ފޯރުކޮށްދެވޭ ދަތުރުކުރުމުގެ ފުރުސަތުތައް ހަމައެކަނި އިތުރުކުރެވޭނީކީ ނޫން އެކަމަކު ރާއްޖެ އާއި އިންޑިއާއާ ދެމެދު ސަގާފީ އަދި އިގުތިސާދީ ގުޅުންތައް ވެސް ވަރުގަދަވާނެ،" އޭނާ ވިދާޅުވިއެވެ.

މިހާރު ވެސް "މޯލްޑިވިއަނު"ން ޓްރިވެންޑްރަމް އާއި ހަނިމާދޫ މަގުގައި ދަތުރުކުރުން އޮތް އޮތުމުގެ އިތުރުން ހަނިމާދޫ-ބެންގަލޫރުގެ މަގު ވެގެން އަންނާނީ އުތުރުގެ ރަށްތައް މުހިންމު ސަރަހައްދީ މަންޒިލުތަކަށް ގުޅުވައިލަދޭނެ ފުރުސަތެއް ކަމަށް އިޔާސް ފާހަގަކުރެއްވިއެވެ.

"’ދަތުރުވެރިންނަށް މަރުހަބާ ކިޔައި އެ ފަރާތްތަކަށް އަހަރެމެންގެ އާދަޔާ ހިލާފު ހިދުމަތް ދިނުމަށް އަހަރެމެން އުއްމީދުކުރަން،" އިޔާސް ވިދާޅުވިއެވެ.

އިތުރު މައުލޫމާތު ހޯދުމަށާއި ޓިކެޓް ބުކް ކުރުމަށްޓަކައި "މޯލްޑިވިއަން"ގެ ވެބްސައިޓު maldivian.aero އަށް ޒިޔާރަތްކުރުމުންނާއި ނުވަތަ މޮބައިލް އެޕް ޑައުންލޯޑް ކުރުމުން ނުވަތަ ޓިކެޓް ވިއްކާ އޮފީހަށް ޒިޔާރަތް ކުރުމުން އެ ކަން ހަމަޖެހޭނެ ކަމަށް އައި.އޭ.އެސް.އެލްގެ ބަޔާނުގައި ބުންޏެވެ.

"މޯލްޑިވިއަނު"ން އެތެރޭގެ އަދި ބައިނަލްއަގުވާމީ ވައިގެދަތުރުފަތުރުގެ ވިއުގަ ފުޅާ ދާއިރާއެއްގައިވަނީ ގުޅުވައިލައިފައެވެ. އެ އެއާލައިނުން 16 ޑޮމެސްޓިކް އެއާޕޯޓާއި ބައިނަލްއަގުވާމީ މަންޒިލަށް ދަތުރުކުރެއެވެ. އޭގެ ތެރޭގައި އިންޑިއާ، ޗައިނާ އަދި އެހެނިހެން ގައުމުތައް ހިމެނެއެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި އެންމެ ކުރީގައި އުޅޭ "މޯލްޑިވިއަން"އަކީ އެއްގަމަށް ޖައްސާ މަތިންދާބޯޓުފަހަރު ރާއްޖޭގައި އެންމެ ގިނައިން އޮތް އެއާލައިނެވެ. އަދި ޓޫރިސްޓުން އުފުލުމަށް ކަނޑަށް ޖައްސާ ސީޕްލޭން ވެސް އޮޕަރޭޓްކުރެއެވެ.

"މޯލްޑިވިއަނު"ން މިހާރު 25 މަތިންދާބޯޓު އޮޕަރޭޓްކުރެއެވެ. އޭގެ ތެރޭގައި އޭ.320 މަރުކާގެ އެއް މަތިންދާބޯޓާއި އޭ.330-200 މަރުކާގެ އެއް މަތިންދާބޯޓާއި ޑޭޝް އަށެއްގެ އަށް މަތިންދާބޯޓާއި ޑީ.އެޗް.ސީ-6 ޓްވިން އޮޓާގެ 11 މަތިންދާބޯޓާއި ހަތަރު އޭ.ޓީ.އާރް ހިމެނެއެވެ.

"މޯލްޑިވިއަން" މިހާރު އަންނަނީ ރާއްޖެ ބޭރު ދުނިޔޭގެ މަންޒިލްތަކާ ގުޅުވައިލަދޭނެ ދަތުރުފަތުރަށް އިތުރުވަމުންނަ އަންނަ ޑިމާންޑާ އެއްވަރަށް ހިދުމަތް ދެވޭތޯ މަސައްކަތް ކުރަމުންނެވެ.

"’މޯލްޑިވިއަނު’ން ދޭހަކޮށްދެނީ ރާއްޖޭގެ ރޫހު. ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މި ޖަޒީރާ ގައުމުގެ ލޮބުވެތި މެހެމާންދާރީކަމަށް އަލިއަޅުވައިލައި ލާމަސީލު ވައިގެދަތުރުފަތުރުގެ ހިދުމަތް ދޭ ކުންފުންޏެއްކަން،" އައި.އޭ.އެސް.އެލްގެ ބަޔާނުގައި ބުންޏެވެ.