އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހު ބޭއްވި އެއްވުމާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އިބްރާޙިމް ސުޖާއު 1000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
ސުޖާއު ފުލުހުންގެ އިދާރާއަށް މިރޭ 7 ޖެހިއިރު ހާޒިވެ، ގަޑިއެއްހާއިރު ފަހުން ނިކުމެވަޑައިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން ބޭއްވި އެއްވުމުގައި އޭނާ އަޑުގަދަކޮށް ވާހަކަ ދައްކާފައިވާ ކަމަށާއި އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފްވެ، އެއްވެ އުޅުމުގެ ގާނޫނުތަކާ ވެސް ހިލާފަށް އަމަލްކޮށްފައިވާ ކަމަށް ބުނެ ފުލުހުން ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި އެ ހުރިހާ ވާހަކަތަކެއް ދެއްކެވުމަށް ފަހު 1000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ސުޖާއު ވިދާޅުވި އެވެ.
ސުޖާއު ވިދާޅުވީ ސިޔާސީ އިދިކޮޅު ފަރާތްތައް ފުލުހަށް ހާޒިރުކުރަނީ ކޮންމެހެން އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފްވެގެން ނޫން ކަމަށެވެ. އިދިކޮޅުން ގައިޑްލައިންތަކާ ހިލާފަށް އެއްވުންތައް ބާއްވާ ވާހަކަ މި ސަރުކާރުން ދައްކާއިރު ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މަޖިލީހުގެ ރައީސްގެ އަމަލްތައް ވެސް ހުރީ އެޗްޕީއޭގެ ގައިޑްލައިންތަކާ މުޅިން ހިލާފަށް ކަމަށް ސުޖާއު ވިދާޅުވި އެވެ. އަދި މި ސަރުކާރުން ހިތުހުރި ގޮތެއް މިގައުމަށް ހެދުމުގެ ފުރުސަތު އިދިކޮޅުން ނުދޭނެ ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.
"މިގައުމު ވިއްކާކަށް ނުކުރޭނެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހީފުޅުކުރައްވައިގެން ނުވާނެ އަޅުގަނޑުމެން އެމަނިކުފާނު ހިތުހުރި އެއްޗެއް މިގައުމަށް ހަދަން ފުރުސަތުދޭނެ އޭ. އެ ފުރުސަތެއް އަޅުގަނޑުމެން ނުދޭނެ، މިގައުމު ބިރިޔާނީ ތައްޓަކަށް ވިއްކާލާލަން އަޅުގަނޑުމެން ފުރުސަތެއް ނުދޭނަމު،" ސުޖާއު ވިދާޅުވި އެވެ.
ސުޖާއު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިދިކޮޅު ކޯލިޝަނުން މިސަރުކާރާ ދެކޮޅަށް މިހާރަށްވުރެ އިތުރަށް ވަރުގަދަ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިސަރުކާރުން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި އިދިކޮޅުން ކުރާ މަސައްކަތްތަކާ ގުޅިގެން ކިތަންމެ ވަރަކަށް ބިރުދެއްކި ނަމަވެސް ބިރެއް ނުގަންނޭނެ ކަމަށް ސުޖާއު ވިދާޅުވި އެވެ.
ސުޖާއު މީޑިއާތަކަށް މައުލޫމާތުދެއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް އާއި މަޖިލީސް ރައީސް މުހައްމަދު ނަޝީދުގެ އިތުރުން މިސަރުކާރުގެ މިނިސްޓަރުން އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފްވެވަޑައިގެން ކުރިއަށް ގެންދިޔަ ބައެއް ހަރަކާތްތަކުގެ ފޮޓޯތައް ހުރި ޕޯސްޓަރެއް ވަނީ މީޑިއާތަކާ ދައްކާލާފަ އެވެ.
ސުޖާއަށް ފޮނުވި ކުށުގެ ޗިޓްގައި ފުލުހުން ބުނެފައިވަނީ "2020 އޯގަސްޓް 28 ވަނަ ދުވަހުގެ 16:00 ހާއިރުން ފެށިގެން، ގިނަ ޢަދަދެއްގެ ބަޔަކާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި ޚިލާފަށް މާލޭގެ ބޮޑެތި މަގުތަކުގައި ދުއްވާ ތަކެއްޗާއި މަގުހިނގާ މީހުންނަށް އުނދަގޫވާ ގޮތަށް އަޑުގަދަކޮށް ހަޅޭލަވަމުން މަގުތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު އެއްކޮށް ސައިކަލު ދުއްވައި، އެއްވުމުގައި ބައިވެރިކުރި ޢާއްމު ރައްޔިތުންނާއި، އެއްވުމުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ޙަރަކާތްތެރިވި ފަރާތްތައް ޞިއްޙީ ގޮތުން ނުރައްކަލަކަށް ހުށައެޅޭ ގޮތަށް އިޖުތިމާއީ ގައިދުރުކަމާއި މާސްކު އެޅުމެއްނެތި އެއްވެއުޅުމުގެ ޤާނޫނާއި ޚިލާފަށް ބޮޑުތަކުރުފާނު މަގުގައި އެއްވުމެއް ބާއްވައި، އެ އެއްވުމާއި މަގުތަކުގައި ހަޅޭއްލަވަމުން ސައިކަލު ދުއްވުމުގައި އިސްމީހެއްގެ ގޮތުން ޙަރަކާތްތެރިވެ އެއްވުމުގެ ބައިވެރިންނާއި މުޚާތަބުކޮށް ވާހަކަ ދައްކައި އިސްވެ ދެންނެވުނު ކަންކަމަށް ހިތްވަރު ދީފައިވާ މައްސަލަ ކަމަށެވެ.



advertisment