Support Us

ރައީސް ވަހީދު: ފުލުސް އޮފީހުން ނުކުންނަވައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ -އަދިވެސް ފޮޓޯ
ޕީޕީއެމް/ޕީއެންސީގެ ފަރާތުން މާލޭގައި ބޭއްވި މުޒާހަރާ:

އިދިކޮޅުން އެއްޗެކޭ ބުނާއިރަށް ފުލުހަށް ހާޒިރުކުރުމަކީ ވަރަށް ގޮތެއް ފޮތެެއް ނެތް އަމަލެއް: ރައީސް ވަހީދު

އިދިކޮޅު ސިޔާސީ ލީޑަރުން ނިކުމެ ސަރުކާރާ ދެކޮޅަށް އެއްޗެއް ބުނާ ކޮންމެ ފަހަރަކު ފުލުސް އޮފީހަށް ހާޒިރުކުރުމަކީ ވަރަށް ގޮތެއްފޮތެއް ނެތް ކަމެއް ކަމުގައި ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރ ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ގައުމު ވިއްކާލުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހު ބޭއްވި މުޒާހަރާއާ ގުޅިގެން ފުލުހުން ކުރަމުން ގެންދާ ތަހުގީގަށް ހާޒިރުވެވަޑައިގަތުމަށްފަހު ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް ވަހީދު ވިދާޅުވީ ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ އެދުވަހު މާސްކު ނާޅާ ވާހަކަ ދައްކަވާފައިވާތީ ކަމަށެވެ. ނަމަވެސް އެޗްޕީއޭއިން މާސްކް އަޅަން އެންގުމުގެ ކުރިން ވެސް އެމަނިކުފާނު މާކްސް އަޅުއްވަން ފެއްޓެވި ކަމަށާއި ހުކުރު ދުވަހު މާކްސް ނެންގެވީ މީހުންނާ ދުރުގައި ހުންނަވައިގެން ވާހަކަ ދެއްކެވި ވަގުތުގައި އެކަނި ކަމަށް ވެސް ވިދާޅުވި އެވެ.

"އެދުވަހު އަޅުގަނޑު ވާހަކަ ދެއްކީ އިމާރާތުގެ ތެރޭގައި ހުރެގެން، އަޅުގަނޑަށް އެނގިގެން އަޅުގަނޑާ ތިން ފޫޓް ކައިރީގައި މީހަކު ނެތް،" ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ އެމަނިކުފާނަކީ މިގައުމުގެ ވެރިކަން ކުރައްވާފައިވާ ބޭފުޅަކަށްވެފައި ދުވަހަކު ވެސް ސިޔާސީ ބޭނުމަށްޓަކައި ފުލުހުން ބޭނުންކޮށްފައިނުވާނެ ކަމަށެވެ. ނަމަވެސް ހުކުރު ދުވަހުގެ އެއްވުމާ ގުޅިގެން އިދިކޮޅު ސިޔާސީ ބޭފުޅުން ފުލުހަށް ހާޒިރުކުރަނީ ސީޔާސީ ބޭނުމެއްގައި ކަމަށް ވަހީދު ވިދާޅުވި އެވެ. ވަހީދު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު "ދެރަދުން" ފޮތް ނެރުއްވަން ވެގެން ބޭއްވި އިވެންޓްތަކުގައި އެކި ތަންތަނުގައި މާސްކް ނާޅުއްވައި ގިނަ ބަޔަކާ އެކު އުޅުއްވި ކަމަށެވެ. އަދި ރާއްޖެއިން ފުރާވަޑައިގެންނެވި އިރުވެސް އެތައް ބަޔަކާ އެކު އެއާޕޯޓްގައި ވެސް ނަޝީދު އުޅުއްވީ މާސްކް ނާޅުއްވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވަހީދު ފުލުސް އޮފީހަށް ވަޑައިގަންނަވަނީ -އަދިވެސް ފޮޓޯ

"މިހާރު މިފެންނަނީ ރައީސުލްޖުމްހޫރިއްޔާ (އިބްރާހިމް މުހައްމަދު ސޯލިހު) އަޅުގަނޑުމެން ކުރިން ރާއްޖޭގެ ރައީސްކަން ކޮށްފައި ތިބި މީހުން ފުލުހުންގެ އޮފީހަށް ދަމާތަން. އަނެއްކާ އަޅުގަނޑު އަކަނި ގެންދަން ޖެހޭ ސަބަބެއްވެސް އަޅުގަނޑަކަށް ނުވިސްނޭ. އަޅުގަނޑުގެ ކުރިން ރައީސްކަން ކުރައްވާފައިވާ ބޭފުޅެއް މިދޭތެރެއިން ފެނިއްޖެ މާސްކް ނާޅުއްވާ ވެސް މީހުންނާއެކު އުޅުއްވާތަން. އޭގެ އިތުރުން ފުރާވަޑައިގެންނަވަން އެއާޕޯޓްގައި ވެސް އެތައް ބައިވަރު މީހުން ގޮވައިގެން މާސްކް ނާޅުއްވާ އިންނެވިތަން އަޅުގަނޑު ދުށިން. އެކަމަކު އެމަނިކުފާނު ނުގެންގޮސް އަޅުގަނޑު ގެނައިމާ އޭގެން ދޭހަވަނީ ހަމަ އެންމެ ކަމެއް. އަޅުގަނޑު މިއަދު ސަރުކާރުގެ އޮޕޮޒިޝަންގައި ހުރީމަ، އެހެން ނޫނިއްޔާ އަޅުގަނޑު ނުގެންދާނެ،" ރައީސް ވަހީދު ވިދާޅުވި އެވެ.

ކޮވިޑް19 ތެރޭގައި އެފަދަ އެއްވުމެއް ބޭއްވުމަކީ ރަނގަޅުކަމެއްތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޒަވާބުދެއްވަމުން ރައީސް ވަހީދު ވިދާޅުވީ ރައްޔިތުންގެ ހިތްތައް ކެކިއެރީމާ މަގުމައްޗަށް ވެސް ނިކުންނާނެ ކަމަށާއި އިހުތިޖާޖު ކުރުމަކީ ޑިމޮކްރެޓިކް ގައުމެއްގައި ކުރަންވާނެ ކަމެއް ކަމަށެވެ. އަދި ކޮވިޑް19 ކޮންޓްރޯލް ކުރުމަށް ބޮޑު ހޭދައެއްކޮށް އެކަން ކާމިޔާބު ނުވުމުން އެކަމުގެ ޒިންމާ އުފަލަންޖެހޭ ބަޔަކު ތިބެންޖެހޭނެ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.

މީގެ އިތުރުން އެދުވަހު ރައީސް ވަހީދު ވާހަކަ ދެއްކެވިލެއް ބާރުކަމުން ފަހަރެއްގައި ބައެއް މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިދާނެތީ ވެސް ސުވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް އެއްޗެކޭ ވިދާޅުނުވާ ކަމަށާއި ދެން އެމައްސަލާގައި ކުރިއަށް ވަޑައިގެންނަވާނީ ރައީސް  ވަހީދުގެ ފަރާތުން ގާނޫނީ ވަކީލެއް ކަނޑައެޅުމަށް ފަހުގައި ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.

"ގައުމު ވިއްކާލުމާ ދެކޮޅަށް" އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހު މާލޭގައި ބޭއްވި ހަރަކާތަށް އިޝާރާތް ކުރައްވައި އެރޭ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވީ ސިޔާސީ އިސް ބޭފުޅުންތަކެއް ތިއްބަވައިގެން، "މިފަދަ ދަނޑިވަޅެއްގައި އެފަދަ އަމަލެއް ޒިންމާދާރުކަމެއް ނެތި ހިންގީތީ، އަޅުގަނޑު ވަރަށް ހިތާމަކުރަން" ކަމަށެވެ. އަދި ރައީސް ސޯލިހް ވިދާޅުވީ މުޒާހަރާކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހުއްޓުވަން މިސަރުކާރުން މަސައްކަތް ނުކުރާނެ ކަމަށެވެ.

"ރާއްޖޭގައި މުޒާހަރާ ކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނާނެ. އެއީކީ މި ސަރުކާރަކުންނެއް ހުއްޓުވާނެ ކަމެއް ނޫން. އެހެން ނަމަވެސް، މިފަދަ ދަނޑިވަޅެއްގައި އެފަދަ އަމަލެއް ހިންގީތީ، ޒިންމާދާރުކަމެއް ނެތި ހިންގީތީ، އަޅުގަނޑު ވަރަށް ހިތާމަކުރަން،" ރައީސް ސޯލިހު ވިދާޅުވި އެވެ. "އަޅުގަނޑުމެން އަބަދުވެސް ފުލުހުންގެ ފަރާތުން ވެސް އިލްތިމާސްކުރަމުން މި ގެންދަނީ އެޗް.ޕީ.އޭގެ އެންގުމާ އެއްގޮތަށް ފަސް މީހުންނަށްވުރެ ގިނައިން އެއް ތަނަކަށް އެއްވެ ނޫޅުމަށް. އެހެންވެ އެ އެންގުމާ ޚިލާފަށް އަމަލުކުރާ ހުރިހާ ފަރާތްތަކާ ދޭތެރޭގައި ގާނޫނުގައިވާ ގޮތުގެ މަތީން ފުލުހުންގެ ފަރާތުން ފިޔަވަޅު އަޅަމުންގެންދާނެ،" ރައީސް ސޯލިހް ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *