ދ. އަތޮޅުގެ ރައްޔިތުންނަށް ދަތުރު ގޮސް އުޅެވޭނެ ރަށެއްގެ ގޮތުގައި އެ އަތޮޅު އުއްދޫ ކަނޑައަޅުއްވައި، މިރެއިން ފެށިގެން އެ ރަށް އާންމުން ދަތުރު ދިއުމަށް ހުޅުވައިލެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ ދ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު މީދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އުއްދޫއަކީ މީގެ ކުރިން އަމިއްލަ ފަރާތަކުން ވިޔަފާރީގެ އުސޫލުން ބޭނުންކޮށް، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސަރުކާރަށް އަނބުރާ ލިބިފައިވާ ރަށެކެވެ. އުއްދޫ މިހާރު ހަވާލުކޮށްފައި ވަނީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރަށް ބަލަހައްޓާނީ ބެސް އެ ވުޒާރާއިން ކަމަށާއި، އުއްދޫއަށް ދަތުރުގޮސް އުޅުމުގެ ކަންކަންވެސް އެ ވުޒާރާގެ ތެރެއިން ފަހިވެގެންދާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. މިކަމާ ގުޅުން ހުރި ތަފްސީލުތައް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން، ކުރިއަށް އޮތް ދުވަސްތަކުގައި އިޢުލާންކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް، މީދޫގެ ރައްޔިތުންނަށް އުންމީދު އައުކޮށްދެނިވި އެތައް ކަމެއްގެ ވާހަކަފުޅު، ރައީސުލްޖުމްހޫރިއްޔާ މިރޭ ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް، މި ދައުރުގެ ތެރޭގައި އެކަށީގެންވާ ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވޮއެވެ. އަދި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީ ނިޒާމުގެ ޚިދުމަތް، މި އަހަރުގެ ނިޔަލަށް ދ. އަތޮޅަށް ލިބެން ފަށާނެ ކަމަށާއި ރަށަށް ދިމާވެފައި އޮތް ކުނި މެނޭޖުކުރުމުގެ މައްސަލައަށްވެސް ވެމްކޯ މެދުވެރިކުރައްވައި، ވަރަށް ފުރިހަމަ ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
މީދޫގެ ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންވާ މުހިންމު މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމުގެ އެއްބަސްވުންތަކުގައިވެސް މިރޭގެ ރަސްމިއްޔާތުގައި ކަމާ ބެހޭ ފަރާތްތަކުން ވަނީ ސޮއިކުރައްވާފައެވެ. މިގޮތުން މީދޫގައި ވެމްކޯގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރ ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލު ސޮއިކުރެއްވިއެވެ. އަދި މީދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައިވެސް މިރޭގެ ރަސްމިއްޔާތުގައި ވަނީ ސޮއިކުރައްވާފައެވެ. މީދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދު الله މުއްޠަލިބާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓާޔަޑް) އަޙްމަދު ސަޢުދީއެވެ. އަދި މީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައިވެސް މިރޭގެ ރަސްމިއްޔާތުގައި ވަނީ ސޮއިކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫޢުތައް ހަލުވި ދުވެލީގައި ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި ކުޅިވަރުގެ ރޮނގުންވެސް ރަށަށް ތަރައްޤީ ގެނެސްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެ މަނިކުފާނު ވަނީ ދެއްވާފައެވެ. ހަމަ މިއާއެކު ރަށުގެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައަށްވެސް މި އަހަރާއި ކުރިއަށް އޮތް އަހަރު ތެރޭގައި ޙައްލު ހޯއްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި މި އަހަރާއި އަންނަ އަހަރަކީ، ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ހުރިހާ ވަޢުދުތަކެއް ޢަމަލީ ގޮތުން ފުރިހަމަކޮށްދެއްވާ ނިންމަވައި ދެއްވުން، ރައްޔިތުން ތަޖުރިބާ ކުރައްވާނެ ދުވަސްތަކެއް ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ދ. މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވާހަކަފުޅު ދައްކަވަނީ pic.twitter.com/JaHg5kvDtg
— adhives.mv (@AdhivesOnline) February 24, 2025



advertisment