Support Us

ފްލެޓް ލިސްޓުގެ މައްސަލަ ހައްލުކުރެވިއްޖެ، މި ހަފުތާ ނިމުމުގެ ކުރިން ލިސްޓު ނެރޭނަން: ރައީސުލްޖުމްހޫރިއްޔާ

ހުޅުމާލޭ ހަތަރު ހާސް ފްލެޓް ލިސްޓުގެ މައްސަލަ މިހާރު ވަނީ ހައްލުކުރެވިފައި ކަމަށާއި، އިތުރަށް ލަސްކުރުމެއް ނެތި، މި ހަފުތާ ނިމުމުގެ ކުރިން ލިސްޓު ނެރުއްވާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އެ މަނިކުފާނު މި ޔަގީންކަން ދެއްވީ، ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މީދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.

މީގެ އިތުރުން ގުޅީފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް ހިއްކި ސަރަޙައްދުން ގޯތި ކަނޑައަޅުއްވައި ކުރިއަށް އޮތް ދެތިން މަސްދުވަސް ތެރޭގައި ރަޖިސްޓްރީ ހަވާލުކުރައްވާނޭ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މިހާރު ބަދަލުގެނެވިފައިވާ ކަމަށާއި، ގޯތި ލިބޭ މީހުންނަށް، ކަޑަޖަހައި، އިން ވަކިކޮށް، ގޯތި ހަވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށް އޮތް ދެތިން މަސްދުވަސް ތެރޭގައި ކުރިއަށްގެންދަވާނޭ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. މިކަމުން އިސްތިސްނާ ވާނީ، ބުރިޖު އަޅާ ސަރަޙައްދުން ގޯތި ލިބޭ މީހުން އެކަނި ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގިރާވަރު ފަޅުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ކުރީ ސަރުކާރުން ހަދައިފައިވާ އެއްބަސްވުން އުވާލައި، މި ސަރުކާރުން ބިންހިއްކުމުގެ މަސައްކަތާ ހަވާލުވާނޭ ކަމަށް ވިދާޅުވެފައެވެ. އެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ ސަރަޙައްދުން ގޯތި ލިބުނު ފަރާތްތަކަށްވެސް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދު ފުއްދަވައިދެއްވާނޭ ކަމަށް ވިދާޅުވިއެވެ.

އުތުރު ތިލަފަޅަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ގޯތީގެ މައްސަލަ ޙައްލުކުރެއްވުމަށްޓަކައި، އެ ފަޅުން 125 ހެކްޓަރު ހިއްކުމުގެ މަސައްކަތް މި އަހަރު ފައްޓަވައި، މި އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމަވާނޭ ކަމަށެވެ. އަދި ހުޅުމާލޭ ފަޅުން ހިއްކާ ސަރަޙައްދުގެ މަސައްކަތްވެސް މި އަހަރުގެ ޖުލައި މަހާ ހަމައަށްދާއިރު ނިމޭނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *