ދެ ޖަމިއްޔާއަކާ ގުޅިގެން ރޯދައަށް ހާއްސަ ވީޑިއޯ ސީރީޒްތަކެއް ގެންނަން އެޗްޑީސީން ހަމަޖައްސައިފިއެވެ.
"އަލް އަސްރު" އަދި "އިލްމް ޖަމިއްޔާ" އާ ގުޅިގެން ރޯދައާ ގުޅޭ ހާއްސަ ވީޑިއޯ ސީރީޒްތަކެއް ގެނެސްދެނީ، ރޯދަ މަހާ ދިމާކޮށް، އެ މަހަށް ބޭނުންތެރި އިލްމީ މައުލޫމާތު ފޯރުކޮށްދިނުމާއެކު، އިސްލާމީ ރިވެތި އާދަތަކާއި ދީނުގައި ކަންކަން އޮންނަ ގޮތް، ޝައުގުވެރި އަދި މައުލޫމާތުން ފުރިގެންވާ ވީޑިއޯތަކެއްގެ ސިފައިގައި ގެނެސްދިނުމަށް ކަމަށް އެޗްޑީސީން ބުނެއެވެ.

"އަލް އަސްރު" އާ ގުޅިގެން "ގެއްލޭނެތަ"
"އަލް އަސްރު" އާއި އެޗްޑީސީ ގުޅިގެން "ގެއްލޭނެތަ" ނަމުގައި ވީޑިއޯ ސީރީޒްއެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
""ގެއްލޭނެތަ" ސީރީޒްގެ ދަށުން، ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އިލްމީ މައުލޫމާތުން ފުރިގެންވާ ވީޑިއޯއެއް ދޫކޮށްލެވޭނެއެވެ. މިއީ، ރަމަޟާން މަހުގައި ރޯދަ ހިފުމުގެ މުހިންމުކަމާއި މާތްކަން އުނގަންނައިދިނުމާއެކު، މުޖްތަމައުގައި ދީނީ ސާބިތުކަން އިތުރުކޮށް ހޭލުންތެރި ކުރުމަށް ކުރިއަށްގެންދެވޭ ސީރީޒްއެކެވެ." އެޗްޑީސީން ބުނެއެވެ.

"އިލްމް" ޖަމިއްޔާއާ ގުޅިގެން "ވާހަކަޔޯ ވާހަކަޔޯ"
"އިލްމް" ޖަމިއްޔާއާ ގުޅިގެން، "ވާހަކަޔޯ ވާހަކަޔޯ" ގެ ނަމުގައި ކީރިތި ރަސޫލާގެ ސުންނަތުގެ އަލީގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ގެނެސްދޭ ވާހަކަ ސީރީޒްއެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ."
"ހުޅުމާލޭގެ ހިތްގައިމު މާހައުލުތަކުން މި ވާހަކަ ސީރީޒް ގެނެސްދޭނީ ޝައިހް ޖައުފަރު މުހައްމަދު އުސްމާންއެވެ. މީގެ މަގްސަދަކީ، އިސްލާމްދީނުގެ އަސްލުތަކުގެ މައްޗަށް ބިނާކޮށްގެން ހަދާފައިވާ އިލްމީ ވާހަކަތަކެއް ޝައުގުވެރި ގޮތަކަށް ކުޑަކުދިންނަށް ފޯރުކޮށްދިނުމެވެ. އެގޮތުން މި ސީރީޒްގެ ދަށުން ރޯދަ މަހަގެ ކޮންމެ ހޮނިހިރު ދުވަހަކު، ވާހަކަ އެޕިސޯޑެއް އެޗްޑީސީ އަދި އިލްމު ޖަމިއްޔާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ގެނެސްދެވޭނެއެވެ. މިއީ، އެޗްޑީސީން އިލްމް އިންސްޓިޓިއުޓާ ގުޅިގެން މި ސީރީޒް ގެނެސްދޭ ދެވަނަ އަހަރެވެ. މި ސީރީޒްގެ ސަބަބުން، ޝައުގުވެރި ގޮތަކަށް ކުޑަކުދިންނަށް ދީން އުނގެނުމަށް ބާރުއެޅިގެންދާނެއެވެ." އެޗްޑީސީގެ ބަޔާނުގައިވެއެވެ.
"އެޗްޑީސީގެ އަމާޒަކީ ކުރިއަށް އޮތް ރަމަޟާން މަހުގައި އެކި ދާއިރާތަކުން މީހުން ހޭލުންތެރިކަން އިތުރު ކުރުމާއެކުއ މި ކޯޕަރޭޝަނުން ރަމަޟާން މަހާ ދިމާކޮށް އާންމުންނަށް ފޯރުކޮށްދޭ މައުލޫމާތުތަކަކީ އެ މަހަށް ބޭނުންތެރި މައުލޫމާތުތަކަކަށް ހެދުމެވެ."



advertisment

