ދ. ބަނޑިދޫ ބަނދަރުގެ ބޭރު ތޮށި ބަދަލުކުރުމުގެ މަސައްކަތާއި ބިންހިއްކުމުގެ ޢަމަލީ މަސައްކަތް، ލަސްވެގެން އަންނަ އަހަރު ފައްޓަވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބަނޑިދޫއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ބަނޑިދޫގައި މިވަގުތު އޮތް ޖާގައިގެ ދަތިކަމުގެ ސަބަބުން މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ކުރުން ނުރައްކާތެރި ބައެއް މަސައްކަތްތައް، އެހެން ސަރަޙައްދަކަށް ބަދަލުކުރަން ދަތިވެފައިވާކަން ފާހަގަކުރައްވައި، ފައިބަރު މަސައްކަތާއި، ކުނިކޮށި ފަދަ ތަންތަން އެހެން ސަރަޙައްދަކަށް ބަދަލުކުރެވޭނޭ ގޮތަށް ވިސްނަވައިގެން އެ ރަށުގެ ބިން ބޭނުންކުރާ ގޮތުގެ ޕްލޭން މުރާޖަޢާ ކުރެއްވުމަށް ރަށު ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. އަދި ކައުންސިލުން މި މަސައްކަތް ފުރިހަމަ ކުރެއްވުމާއެކު، އެ ޕްލޭންގައި ކުލަޖައްސައިދެއްވުމަށް ކަންކަން ބައްޓަން ކޮށްދެއްވުމުގެ މަސައްކަތް ފައްޓަވައިދެއްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބިންހިއްކުމުގެ އިތުރުން، ރަށުގެ މަސްވެރިންނާއި އޮޑިވެރިން އެދޭ ގޮތަށް، އެ ރަށު ބަނދަރުގެ ބޭރު ތޮށި ބަދަލުކޮށްދެއްވައި ޖާގަ އިތުރުކޮށްދިނުމުގެ މަސައްކަތްވެސް، ލަސްވެގެން އަންނަ އަހަރު ފައްޓަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއީ ބޭކާރު ޚަރަދެއް ނޫންކަމަށާއި، ދުރު ރާސްތާއަށް ބަލާއިރުވެސް، އެ މަސައްކަތްވެގެންދާނީ ރަށަށްޓަކައި ކުރެވޭ ބޮޑު ވުނައަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަސްވެރިކަމާއި އެ ނޫންވެސް ރަށުގެ ސިނާޢަތްތައް ކުރިއެރުވުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނޭކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން ބަނޑިދޫގެ ސްކޫލާއި ސިއްޙީ މަރުކަޒު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް މި އަހަރަށް ތާވަލުކުރެވިފައިވާކަމަށާއި، ޒުވާނުންގެ މަރުކަޒުގެ ފިޓްނަސް ރިކްރިއޭޝަން ސެންޓަރު ފަދަ، ކުރިން ފެށުމަށްފަހު އެކި ސަބަބުތަކާހުރެ ހުއްޓިފައި ހުރި މަސައްކަތްތައް ލަސްވެގެން މަހެއްހާ ދުވަހުގެ ތެރޭގައި އަލުން ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށް ތައްޔާރުކުރުމުގައި، ބަނޑިދޫ ރައްޔިތުން ދިވެހިވަންތަކަމަށް ދީފައިވާ އަހަންމިއްޔަތުކަން ފާހަގަކުރައްވައި، އެކަމަށް ތަޢުރީފުކުރައްވާފައެވެ.



advertisment