އެމް.ޑަބްލިޔު.އެސް.ސީ މުވައްޒަފުންގެ ފަރާތުން ލޭ ހަދިޔާ ކުރުމުގެ ޙަރަކާތެއް، މޯލްޑިވިއަން ބްލަޑް ސަރވިސް އާ ގުޅިގެން މިއަދު ހިންގައިފިއެވެ.
އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް އިމާރާތުގައި ކުރިއަށް ގެންދިޔަ ލޭދިނުމުގެ މިޙަރަކާތް ފައްޓަވައި ދެއްވީ އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދާއި ޗެއަރޕާސަން ޝަމްހޫޒާ އަޙުމަދެވެ. މި ހަރަކާތުގައި އެ ކުންފުނީގެ ސީނިއަރ މެނޭޖްމަންޓާއި ގިނަ އަދަދެއްގެ މުވައްޒަފުންގެ އިތުރުން، މާލޭ ސިޓީ ކައުންސިލްގެ މޭޔާރ އާދަމް އާޒިމް އަދި ކައުންސިލުގެ މުވައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ.

"ލޭ ހަދިޔާކުރުމުގެ މި ޙަރަކާތަކީ ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދަވާ ޤައުމީ ލޭ ހަދިޔާކުރުމުގެ ކެމްޕޭނުގެ ދަށުން ހިންގުނު ޙަރަކާތެކެވެ. މިނިސްޓްރީ އޮފް ހެލްތުގެ އިސްނެންގެވުމާއެކު، މި ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން، ކުރިޔަށް ގެންދިޔަ ލޭ ހަދިޔާ ކުރުމުގެ މިޙަރަކާތުގެ އެންމެ މުހިންމު މަޤްސަދަކީ، މޯލްޑިވިއަން ބްލަޑް ސަރވިސް އަށް ރޯދަމަހާ ދިމާކޮށް ލޭ ލިބުމުގައި ކުރިމަތިވާ ދަތިކަމަށް އެހީތެރިކަން ފޯރުވައި، ބޭނުންވާ ލޭގެ އެހީ، އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ފޯރުކޮށްދިނުމެވެ. އަދި ހަމަ އެހެންމެ، ކުންފުނީގެ މުވައްޒަފުން ބުރަކޮށް އުޅުއްވަމުންވެސް، ފަސޭހަ މާހައުލެއްގައި މިފަދަ އިޖުތިމާޢީ އަދި ބޭނުންތެރި ހަރަކާތެއްގައި ބައިވެރިވެ، ލޭ ހަދިޔާ ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ބޭއްވުނު ހަރަކާތެކެވެ." އެމް.ޑަބްލިޔު.އެސް.ސީގެ ބަޔާނެއްގައި ބުނެއެވެ.
"މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރެވޭ މިފަދަ ކަންކަމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މިކުންފުނީގެ މުވައްޒަފުން އިސްނަގައި އަބަދުވެސް ދެއްވަމުން އަންނަ އެއްބާރުލުން ފާހަގަކޮށް ޝުކުރުދަންނަވަމެއެވެ."



advertisment

