ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަސް އަހަރުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވެ، އެޗްޑީސީން އެއް މިލިއަން ގަސް އިންދުމަށް ނިންމައިފިއެވެ.
މިކަމަށްޓަކައި ކުޑަގިރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެއް މިލިއަން ގަސް އިންދުމުގެ ޕްލެޖްގައި ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލެވެ.
"މިއީ، އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަށްތައް ފެހިކުރުމާއެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވެ، އެ މަސައްކަތަށް އެޗްޑީސީން އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް،" އެއް މިލިއަން ގަސް އިންދުމުގެ ޕްލެޖްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މައުރޫފް ވިދާޅުވިއެވެ.
އޭގެ އިތުރުން، ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް ހެއްދުމަށްޓަކައި އެޗްޑީސީން ވަނީ ލ. ގަމުގައި އެއްލައްކަ އަކަފޫޓުގެ ނާސަރީއެއް ގާއިމްކުރުމަށް ނިންމައިފައެވެ. އެގޮތުން، ހުޅުމާލޭގެ އިތުރުން އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަސްމާލެއާއި، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅުގައި އިންދާ ގަސްތައް ހެއްދުމަށް މި ނާސަރީ ބޭނުންކުރާނެއެވެ.
"މި ޕްރޮގްރާމާއެކު، ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ފެހިކުރުމަށް މި ކޯޕަރޭޝަނުން ހިފައިފައިވާ އަމާޒަށް ވާސިލުމަށްވެސް މަގުފަހިވާނެއެވެ. އެޗްޑީސީގެ އަމާޒަކީ، މި ކޯޕަރޭޝަންގެ ދަށުގައި އޮތް ހުރިހާ ރަށްތަކަކީވެސް ހިތްފަސޭހަ، ފެހި މާހައުލަކަށް ހެދުމެވެ." އެޗްޑީސީން ބުނެއެވެ.



advertisment

