ޅ. ހިންނަވަރާއި ނައިފަރުގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަންތަކުގެ ތެރެއިން ހިންނަވަރުގައި މި މަހު 14 ގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ހަސަން މުނާޒް، 40، މ. ނަލަހިޔާމަންޒިލް އެވެ. އޭނާ ހައްޔަރުކޮށް، ހިންނަވަރުގައި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ވަނީ ފެނިފައެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 66.02 ގުރާމެވެ.
ހަމަ އެ ދުވަހު ނައިފަރުގައި ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައި ވަނީ ޢަލީ މުޙައްމަދުފުޅު، 54، ނަގިލިޖެހިގެ، ޅ. ނައިފަރު އާއި އަޙްމަދު ވިއާމް، 26، ޑޭޒީހިޔާ، ޅ. ނައިފަރު އެވެ.
މީގެ ތެރެއިން ޢަލީ މުޙައްމަދުފުޅު ހައްޔަރުކޮށް އޭނާއާ ގުޅުން ހުރި ކަމަށް ބެލެވޭ ދެ ތަނެއް ބަލައިފާސްކުރިއިރު ފަސް ދަޅު ބަނގުރާ ވަނީ ފެނިފައެވެ.
އަޙްމަދު ވިއާމް ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ވަނީ ފެނިފައެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 12 ގުރާމެވެ.
މި މައްސަލަތަކާ ގުޅިގެން ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަސަން މުނާޒް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ޢަލީ މުޙައްމަދުފުޅު ދެ ދުވަހަށް ބަންދުކުރުމަށް ފުރަތަމަ ވަނީ އަމުރުކޮށްފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެ ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އަޙްމަދު ވިއާމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ 12 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.



advertisment