Support Us

ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ދިނުން އެމްޓީސީސީއަށް

މާލޭގައި ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ދިނުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ތިމާވެއްޓާ ރައްޓެހި ޓެކްސީގެ ޚިދުމަތެއް ފެށުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަމީމެވެ. އެމްޓީސީސީން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.

މިއަދުގެ ރަސްމީޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ ޓެކްސީ ޚިދުމަތުގައި ބޭނުން ކުރާނީ ސައްތައިން ސައްތަ ތިމާވެއްޓާ ރައްޓެހި އީވީ ޓެކްސީ ކަމަށެވެ. އަދި ސަރުކާރުން އެ ޚިދުމަތް ފެށިނަމަވެސް މިހާރު ޓެކްސީގެ ޚިދުމަތް ދޭ މީހުންނަށް އެކަމުގެ ގެއްލުމެއް ނުލިބޭނެ ކަމަށެވެ.

އަމީން ވިދާޅުވީ މިއަހަރުގެ މެދުތެރޭގައި ޓެކްސީ ލައިން މާލެ ސަރަޙައްދަށް ތަޢާރަފްކުރައްވާނެ ކަމަށެވެ. އަދި ޓެކްސީ ޑްރައިރަކަށް ވުމުގެ ފުރުޞަތު އެންމެނަށް ވެސް އޮންނާނެ ކަމަށެވެ.

"ޚިދުމަތް ދިނުމަށް އޫބަރ ނުވަތަ ގްރެބް ކޮންސެޕްޓް ފަދަ ސޮފްޓްވެއަރގެ ތެރެއިން އެމްޓީސިީސީން ބަލަހައްޓާނީ. ޑްރައިވަރުންގެ ބަދަލުގައި އެމްޓީސީސީން އެކަން ބަލަހައްޓާނީ. ޓެކްސީގެ ޚިދުމަތަށް އެދޭތާ މަދުވެގެން ދެ މިނެޓް ތެރޭގައި ލިބޭނެ. މި ޚިދުމަތާއެކު އެއަރޕޯޓުގެ ޓެކްސީ ކިއުގެ މައްސަލައަށްވެސް ހައްލުތަކެއް ލިބޭނެ،" އަމީން ވިދާޅުވިއެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ސަޢުދީ ވިދާޅުވީ ޓެކްސީގެ ޚިދުމަތާ ގުޅެން ބޭނުންވާ މީހުންނަށް އެކަމަށް ޚާއްސަ ޕޫލެއްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާނެ ކަމަށެވެ. އަދި ޓެކްސީ ލައިނަށް ޚާއްސަ އެވެއަރނެސް ޕްރޮގްރާމެއް ހިންގާނެކަމަށާއި އެ ޕްރޮގްރާމުން ފާސްވާ މީހުންނަށް ޓެކްސީ ދުއްވުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ.

"ޓެކްސީ ލައިންގައި އުޅޭ ޕާޓްޓައިމް ޑްރައިވަރުންނަށް ހަފުތާއަކު ނޫނީ ދެ ހަފުތާއިން މުސާރަ ދެވޭނެގޮތަށް ޕްލޭން މި ހަދަނީ. މިއީ މިހާރު ވަޒީފާ ނެތް މީހުންނަށްވެސް ރައީސްގެ ސިޔާސަތުގެ ތެރެއިން ބޭނުން ހިފޭނެ ކަމެއް. ޓެކްސީ ލައިންގެ އެހީގައި މާލޭގައި ދިމާވެފައިވާ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމަށް ބޭނުންވޭ،" ސަޢުދީ ވިދާޅުވިއެވެ.