Support Us

މާލެ ސަރަހައްދުގައި ހަދިޔާ މަސް ކޭސް ދޫކުރުން މި މަހުގެ 20 އިން 28 އަށް

ރަމަޟާން މަހަށް ޚާއްޞަކޮށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަދިޔާ ކުރާ މަސްދަޅު ކޭސް މާލެ ސަރަހައްދުގެ ގޭބިސީތަކަށް ދޫކުރުން މި މަހުގެ 20 އިން 28 އަށް އޮންނާނެ ކަމުގައި އެސް.ޓީ.އޯ އިން ބުނެފިއެވެ.

އެސް.ޓީ.އޯ އިން ބުނީ ރާއްޖޭގެ ހުރިހައި ގޭބިސީއަކަށް ސަރުކާރުން ހަދިޔާ ކުރާ 180 ގްރާމުގެ، 48 ދަޅު ހިމެނޭ ތެޔޮމަސް (ޗަންކްސް އިން އޮއިލް) ބެހުމުގެ އެންމެހައި ތައްޔާރީތައް އެސްޓީއޯއިން މިހާރު ވަނީ ވެފައި ކަމަށެވެ.

"މި މަސައްކަތް އެސްޓީއޯއިން ކުރިއަށް ގެންދަނީ ސަރުކާރުގެ އެކި މުއައްސަސާތަކާއި، މިފްކޯ އާއި މޭލެ ސިޓީ ކައުންސިލް އަދި ރަށްރަށުގެ ކައުންސިލްތަކާ އެކު މަޝްވަރާކުރެވި، ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކުގައެވެ." އެސްޓީއޯއިން ބުނެއެވެ.

"މާލެ ސަރަހައްދުގެ ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. މާލޭގައި މި މުދާ ދޫކުރުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށެވެ. (މި ތާރީޚުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެކަން ކުރިއާލާ އަންގާނެއެވެ.)"

އެސްޓީއޯއިން ބުނީ މާލެ ސަރަހައްދުގައި ވެސް މަސްދަޅު ކޭސް ލިބޭނީ ހަމައެކަނި ދިވެހިންނަށް ކަމަށެވެ. އަދި މަސް ކޭސް ދޫކުރާނީ ގޭގޭގެ ކަރަންޓް މީޓަރު ނަންބަރު ޗެކްކުރުމަށްފަހު، ބަލައި ދާ ފަރާތުގެ އައިޑީ ކާޑާއި ގުޅޭނެ ފޯނު ނަންބަރު ރެކޯޑު ކުރުމަށްފަހު ކަމަށެވެ.

މާލެ ސަރަހައްދުގައި މަސް ކޭސް ބަހާ ގަޑިތައް

ފެބްރުއަރީ 20 އިން 28ގެ ނިޔަލަށް ކޮންމެ ދުވަހަކު މެންދުރުފަހު 2:30 އިން ހަވީރު 6:00 އާ ހަމައަށް އަދި ރޭގަނޑު 8:30 އިން 11:00 އާ ހަމައަށް

މަސް ކޭސް ދޫކުރާ މަރުކަޒުތައް

• މާލޭގައި: މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭ ބައި އަދި މިފްކޯ އޮފީސް ކޮމްޕައުންޑް

• ވިލިމާލޭގައި: ވިލިމާލޭ ކައުންސިލް އޮފީސް

• ހުޅުމާލެ ފޭސް-1 ގައި: އުމަރު ޒާހިރު ބިލްޑިންގ

• ހުޅުމާލެ ފޭސް-2 ގައި: ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރު

އަތޮޅު ތެރެއަށް ފޮނުވާ މަސްދަޅު ކޭސްތައް އެސްޓީއޯއިން ވަނީ މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ދޯނިފަހަރަށް އަރުވަން ފަށައިފައެވެ. ރަށްރަށުގެ ގޭބިސީތަކަށް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ރަށެއްގެ ކައުންސިލުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އައި ފުރަތަމަ ރަމަޟާން މަހު، ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއެއް މިދިޔަ އަހަރު ހަދިޔާ ކުރިއެވެ.