Support Us

ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް "ސިވެކް" އާއެކު އެއްބަސްވުމަކަށް

އެކި ދާއިރާތަކުން ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާއެކު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ސްޓެލްކޯގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. ސިވެކްގެ ފަރާތުން، މެނޭޖިން ޑިރެކްޓަރ ކާނަލް އަޙުމަދު ޒުބައިރެވެ.

"އަޅުގަނޑުމެންނަށް މި ދޭތެރޭން، ޤައުމުގައި ހިނގައިދިޔަ ކަންތައްތަކާއި އަދި ބައެއް އިވެންޓްތަކުގައި، އަޅުގަނޑުމެންގެ ބައެއް މުވައްޒަފުން އެބަހުރި ރެސްކިއު ބައެއް އޮޕަރޭޝަންތައް (ހިންގައިފަ). ރައްޔިތުންގެ ތެރޭން މިސާލަކަށް މޫދަށް ވެއްޓުނު މީހަކު ނަގައިފަ އެބަހުރި. އަދި އަޅުގަނޑުމެންގެ ޕްރޮޕަޓީޒްތަކަށް ވައްކަންކުރަން ވަތް މީހުންނާވެސް އެބަހުރި އަޅުގަނޑުމެންގެ މުވައްޒަފުން ކޮންފްރަންޓް ކޮށްފައި. އަޅުގަނޑުމެން ބަލައިލިން މި ބޭފުޅުންނަކީ މި ޓްރޭނިން ޕްރޮގްރާމް ހަދައިފަ ތިބި ބައެއްތޯ. މީގެން ކުރި ފައިދާއެއްތޯ، އަސްލުގައި މި ބޭފުޅުން މިކަހަލަ ކަމެއް ދިމާވީމަ އިސްނަގަން ކެރުނީ ކިހިނެއްތޯ. ބެލި އިރުގައި ދަންނަވަންތޯ ހުރިހާ މުވައްޒަފުންނަކީވެސް އަޅުގަނޑުމެން މި ހިންގި ލީޑަޝިޕް ޓްރެއިނިން ޕްރޮގްރާމްގައި އެމްއެންޑީއެފް ބޭކަލުން އަޅުގަނޑުމެންނަށް ޓްރެއިން ކޮށްދެއްވާފައި ތިބި ބޭފުޅުން. އެހެންވީމަ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ މަސައްކަތުގެ މާޙައުލުގަވެސް، އަދި ޤައުމަށް ޚިދުމަތްކޮށްދިނުމުގައި ވެސް، އަދި އަމިއްލަ އާއިލީ ދިރިއުޅުމުގައި ވެސް، މި ޕްރޮގްރާމަކީ ފައިދާ ކުރާނެ ޕްރޮގްރާމެއް. ފައިދާ ކުރާ ޕްރޮގްރާމެއް،" މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯގެ ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިން ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރ ޙުސައިން ފަރުހާދު ވިދާޅުވީ މިއީ ސްޓެލްކޯގެ އެމްޑީގެ އިސްނެންގެވުމުގެ މަތިން، އެމްޑީގެ މޮޓޯގެ ދަށުން ހިންގާ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.

"މިހާރު އަޅުގަޑުމެންގެ ކުންފުނީގެ އަމާޒަކީ، ކުންފުނީގައި އިޚްލާސްތެރި، ވަފާތެރި، ބުރަކޮށް މަސައްކަތްކުރާ، ހިތްވަރާ އަޒުމާއެކު، އެކުވެރިކަމާއެކު، އަޅުގަނޑުމެންގެ ކުންފުނީގެ ތަޞައްވުރާއި، މުހިންމަތާއި، އަދި ކުންފުނީގާ ރާވާލެވޭ ސްޓެރެޓެޖިކް އޮބްޖެކްޓިވްސްތައް އެޗީވް ކުރާނެ ވަރުގަދަ ޓީމެއް ޤާއިމްކުރުން،" ފަރުހާދު ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ އެހީގައި މިހާރު ކުރިއަށްދާ ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް، ސްޓެލްކޯގެ 668 މުވައްޒަފުން މިހާރު ވަނީ ފުރިހަމަކޮށްފައެވެ. މިއަދު ސޮއިކުރި ފަހުމުނާމާގެ ދަށުން އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ކުންފުނީގެ ހުރިހާ މުވައްޒަފުން މި ޕްރޮގްރާމް ފުރިހަމަ ކުރުން ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

ސިވެކްގެ އެހީގައި ސްޓެލްކޯގެ މުވައްޒަފުންނަށް އިތުރު ތަމްރީނު ހިންގުމަށް އެއްބަސްވެވުނު ދާއިރާތައް:

• ބޭސިކް ފަސްޓް އެއިޑް

• ފަޔަރ އެވެއާނެސް

• އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯސް

• ސެކިއުރިޓީ އޮފިސަރުންގެ ޓްރެއިނިންގ

• ސުވިމިންގް އެންޑް ރެސްކިއު

• ލައިފް ކޯޗިންގ

މީގެ އިތުރުން ފަޔަރ އެވެކުއޭޝަން ޑްރިލް ބޭއްވުމަށް އެހީވުމާއި އިންޖީނުގެތަކުގައި ޤާއިމްކޮށްފައިވާ އަލިފާން ނިއްވާ ނިޒާމު ބެލެހެއްޓުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުންވެސް ފަހުމުނާމާގައި ހިމެނިފައިވެއެވެ.