ލީސާ ސްތަލެކާއަކީ އިންޑިއާގެ ޕޫނޭގައި މީހަކު ވިހާފައި ޑަސްބިނަކަށް އެއްލާލައިފައި އޮއްވައި ފެނުނު ތުއްތުކުއްޖެކެވެ. އެކަމަކު ފަހުން އެއީ އޮސްޓްރޭލިއާގެ ކުރިކެޓުގައި އެންމެ ނަން މަޝްހޫރު އަންހެން ތަރިއަށް ވިއެވެ.
މިއީ، މާޔޫސްކަމާއި ނާއުންމީދާއި އަނދިރިކަމުގެ ތެރެއިން އަލިކަމަށް ވާސިލުވި އަންހެން ކުއްޖެެއްގެ ވާހަކައެވެ. އެގޮތުން 1979 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ވިހާފައިވާ މި ތުއްތުތުއްތު އަންހެން ކުއްޖާ ފެނުނީ ޔަތީމުޚާނާއެއްގެ ކައިރި ހުރި ޑަސްޓްބިނަކަށް އެއްލާލައިފައި އޮއްވައެވެ. އޭރު އޮތީ ދުނިޔޭގެ މިންގަނޑުން މަރުގެ ތުންފަތްމަތީގައެވެ. އެކަމަކު ތަޤުދީރުގެ ނިޔާގެ ކުރިމަތީގައި އެއީ އެ ކުއްޖާގެ ނަސީބުވެރި ދަތުރުގެ ފެށުމެވެ.
އެ ކުއްޖާގެ ނަސީބު ގުޅިފައި އޮތީ އެ ނިކަމެތި ހާލާއެވެ. އެ ވޭނާއި އެ ބިރުވެރިކަމާއެވެ. އެހެން ނޫންނަމަ އެ ކުއްޖާއަށް އޮސްޓްރޭލިއާގެ އަންހެން ކްރިކެޓް ޓީމުގެ އިސްވާރަކަށް ނުވެވުނީހެވެ.
ޔަތީމުޚާނާއިން ލީސާ އެޑޮޕްޓްކުރީ އެމެރިކާގެ ދެމަފިރިއެކެވެ. އެ ދެމަފިރިން ހޯދަން އުޅުނީ ފިރިހެން ކުއްޖެކެވެ. އެކަމަކު ތިންމަހުގެ ތުއްތުތުއްތު އެ އަންހެން ކުއްޖާ އެ މީހުން ޚިޔާރުކުރީ އެ ކުއްޖާގެ މުށިކުލައިގެ ރީތި ދެލޮލުން ބަލާލި ގޮތުންނެވެ. އެ ދެލޮލުން މީހުންގެ ހިތާ ހަމައަށް ސިއްރުން ބުނެދިން ޖަޒުބާތުތަކުގެ ސަބަބުންނެވެ.
ދުވަސްކޮޅަކު އެމެރިކާގައި އުޅުމަށްފަހު އެ ދެމަފިރިން އެ މީހުންގެ އެ ނޫފަންނަ ދަރިފުޅު ގޮވައިގެން އޮސްޓްރޭލިއާގެ ސިޑްނީއަށް ހިޖުރަކުރިއެވެ. ކްރިކެޓްގައި މުޅި ދުނިޔޭގައި ވެސް ނަން މަޝްހޫރު އޮސްޓްރޭލިއާގެ ޕާކުތަކާއި ސްކޫލްގެ މާހައުލުން ވެސް ލީސާއަށް އެންމެ ޝައުޤުވެރި ކުޅިވަރަކަށްވީ ކުރިކެޓެވެ. އެއްފުރާ ކުދީންނާއެކު ކިޔަވަމުން، ކުޅެމުން އުފަލުގައި އެ ކުއްޖާ ބޮޑުވަމުން ދިޔައެވެ. ބޯޅައާއި ބެޓާއި އެ ކުއްޖާއާ އޮތް ގުޅުމަކީ ގުދުރަތުގެ ހަދިޔާއެއްކަން ފާހަގަކުރީ ދުނިޔޭގެ ފެންވަރުގެ މޮޅެތި ކޯޗުންނެވެ.
ކުރިކެޓްގެ ކާމިޔާބުގެ ރާސްތާގައި އޭނާ ކުރީ ކާމިޔާބު ދަތުރެކެވެ. އަސްލު މަންމައާއި ބައްޕަގެ ލޯބި ނުލިބުނަސް އެތައް ހާސް ބައެއްގެ ހިތްތަކުގެ ލޯބި މިލުކުކުރިއެވެ. ހަގީގީ މައިންބަފައިން ނޫންކަން ނޭނގޭވަރަށް ލޯތްބާއި އޯގާތެރިކަން އޮއްސާނެ މައިންބަފައިން ލިބުނެވެ.
ލީސާ ވަނީ ކުރިކެޓުގައި ރެކޯޑުތަކެއް ހަދައިފައެވެ. އެއީ އެއް ދުވަހުގެ މެޗުތަކުގައި 1،000 ލަނޑު ހަދައި، 100 ވިކެޓް ނެގި ފުރަތަމަ އަންހެން ކްރިކެޓް ކުޅުންތެރިޔާއެވެ. ލީސާ ބައިނަލްއަޤުވާމީ ކުރިކެޓުން ރިޓަޔަރ ކުރީ އޭނާގެ އިސްވާރުކަމުގައި 2013 ވަނަ އަހަރު އަންހެން ކްރިކެޓް ވޯލްޑް ކަޕްގައި އޮސްޓްރޭލިއާ އަށް ޗެމްޕިއަންކަން ހޯދައިދީފައެވެ.
މިއަދު ވެސް އެއީ އެތައް ބައެއްގެ ލޯތްބާއި އިޙުތިރާމު ލިބިފައިވާ ކުޅިވަރުގެ ވަރުގަދަ ޝަޚްޞިއްޔަތެކެވެ. އަނދިކަމާއި ނާމާންކަމުގެ ތެރެއިން ވެސް ނަސީބު ބައްދަލުކޮށްފާނެވެ. ގިނަ ފަހަރު މާޒީގެ ހިތްދަތި ވޭނާއި ކަރުނަ ވެގެން ދަނީ ފަހުން ލިބޭ ކާމިޔާބީއަށް ވާސިލުކޮށްދޭ ސަވާރީއަށެވެ.
* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން