ބަސް މަށާ ބައްދަލުވެގެން ޝަކުވާތަކެއް އަދު ކޮށްފިޔޭ
ލަސްލަހުން ވިސްނާލުމުން އަސްލުން މަގޭ ފެންކަޅިވިޔޭ
***
ބަހުގެ ނޯށުން އަންނަ ނޭވާގައި ވަނީ ދަތި އަސަރެކޭ
ރަހުމުކުރެވޭ ހިތްތަކަށް މަހިތުން މިއީ ހިތި ޚަބަރެކޭ
ބަހުގެ ހަރަކާތުން ބުނީ ދެން ފަޚުރުވެރި އިހުސާސަކުން
އިހުގެ ގަލަމާ ދޫތަކުން ލިބުނީ ނުހަނު ބޮޑު ގަދަރެކޭ
ބަހުގެދޫ ލަދުވެތިކަމާއެކު މަޑުމަޑުން އެފަހުން ބުނީ
ފަހުގެ ބަސްމަގުގައިވަނީ އަހުރެން މެއަށް ދޭ ޒަހަރެކޭ
އޮންނަ ހަމަތައް ހާލު ޝަރުޠާ ބަހުގެ ތަރުތީބަށް ދިނުން
ފެންނަނީ އޮޅުވާލުމުން ދެން މާނަ ނޭނގޭ އަރަތެކޭ
ލިބުނަކަސް އުފަލެއްނެތޭ މަޑުނުވެ ލިބުން ލިބިގެންދެޔޭ
ފެނުނުއެތި ފެނިގެން ދަނީއޭ މީ ވަރަށް ދެރަ ހާލެކޭ
އޭނަ އަޅުގަނޑު ގާތުގާ ދެންނެވި ބަހަށް ދޭއިރު ޖަވާބު
މީނަ ނަފުސުންތޯ ވިދާޅުވަނީ އަމިއްލަ މަލާމެކޭ
އަންނަ ލާމެއް ވަންނަ ގޮތަކުން އަންނަ ހިންޏެއް ނޭނގެއޭ
ދަންނަ ބަސްވެސް ގެންނަ ގޮތަކުން ފެންނަނީ ބޮޑު ބަދަލެކޭ
ބޭނުމެއްގައި ނެގި ފޮޓޯއެއް ކުލަ ނުވަތަ އަދި ކަޅު ހުދުން
އޭ ނަގާލި ފޮޓޯގަނޑެއް ކަމަށޭ ވަނީ ހައިރާނެކޭ
ނަންބަރެއް ޖެހެނީ ނަގާލަން ވަންނަ ތަރުތީބެއް ބަލަން
ނަން ގޮވާލައިދޭނަމޯ އަދަބުގެ އަދަބުވެރި ބުނުމެކޭ
ނެތް ގުނާ ހިމެނޭކަށެއް އަދި ބުނެ ކޮޅުންވެސް ލާކަށެއް
ފެންނަ ކުށްބަސްތަކުގެތެރެއިން ކުޑަ މިއީ މިސްގާލެކޭ
ބަހުގެ ޝަކުވާ ހައްޤުކަމުގާ އަދު ގަބޫލުކުރަން ހިނގާ
ބަހުގެ ވޭނަށް ދޭނެ ބޭހެއް ހޯދުމީ އޮތް ފަރުޟެކޭ