ހަދާފައި ހާލި ތިޔަހެން ރޫޅުމީ ރުހެވޭ ކަމެއްނޫނޭ
އަޅާފައި ބިސް އަމިއްލަ ތުނބުން ތަޅާހެދުމީ ގޮތެއްނޫނޭ
ފަށައިގެން ހޯލިތައް އެއްކޮށް ވަށައިގެން ނަރުގެ ތަންމަތިލައި
ކޮށާލައިފާ އުކާލުމަކީ ކުރަން އެކަށޭ ކަމެއްނޫނޭ
ކުރަން ހުރިހައި ކަމެއް ނިންމައި ބަރެއް ހުރިހާ އަތުން އުފުލައި
ދުރުން އައި ކޮވެލި ބިސްއެޅުމަށް ދިނުން ފުރުސަތު މޮޅެއްނޫނޭ
ނިޔަތް އެދުމުގެ ނުބައި ފޮރުވައި ދުލުން ތާރީފު ގޮވެލި ގޮވައި
ފިޔޮއްކޮޅު ކާލުމަށް އުދުހޭ ނިޔަތް ބާޒުގެ ހެވެއްނޫނޭ
ސަމާލުވެގެން ބަލަން ހުއްޓައި. ނުވާ ވާއެއް ނުވެސް އަންގައި
ޒަމާނުގެ އަތްތަކުން ކެހިވެރި ޖަހާ މަޅިތައް މަދެއްނޫނޭ
ތިމާއަށް ނީހައިން އަންދާ ދިމާއަށް ފެނުނަކަސް އަލިފާން
ނިވާލަން ފެންޖަހާ އުޅުމީ ޒަމާނުގެ ސުންނަތެއްނޫނޭ
ނިޔާ އަނިޔާގެ ދަރުބާރުން ޚިޔާރު ނިޔާ ނުކޮށް އަނިޔާ
ޚިޔާލެއްގައި ނުބައި ހިފުމީ ވިޔާދާ ފިޔަވަޅެއްނޫނޭ
ކިޔާ ހަމްދާ ސަނާ ފެށުމަށް ދިމާ އާމީން ނުވާ ނިންމަން
ކިޔާހާ ޅެން ފަރިއްސަށް ހެދުމަކީ މޮޅު ނިންމުމެއްނޫނޭ
