"މަކިޓާ" ބްރޭންޑުގެ ފޭކް އުފެއްދުންތައް ބާޒާރުގައި ދައުރުވަމުންދާތީ އެކަމަށް އާންމުން ސަމާލުވުމަށް އެސްޓީއޯ އިން އިލްތިމާސްކޮށްފި އެވެ.
އެސްޓީއޯއަކީ ދިވެހިރާއްޖޭގައި "މަކިޓާ" ބްރޭންޑުގެ އުފެއްދުންތަކުގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރެވެ. މިގޮތުން "މަކިޓާ" ބްރޭންޑުގެ އޮރިޖިނަލް އުފެއްދުންތައް އެސްޓީއޯއިން އެތެރެކޮށް ފޯރުކޮށްދެމުން އަންނަތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ.
"އެކި ގޮތްގޮތަށް "މަކިޓާ" ބްރޭންޑުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރާ މިންވަރު އިތުރުވެފައިވާއިރު، ބާޒާރުގައި ނަކަލު (ފޭކް) އުފެއްދުންތައް ދައުރުވަމުންދާކަން މިކުންފުންޏަށްވަނީ ފާހަގަކުރެވިފައިވެއެވެ. މިގޮތަށް ދައުރުވަމުންދާ އަސްލު ނޫން އުފެއްދުންތަކަކީ ކަސްޓަމަރުންނަށް އޭގެ ބޭނުން އެދެވޭ ގޮތުގައި ހިފޭނެކަމުގެ ޔަޤީންކަން ނެތް، ރައްކާތެރިކަމުގެ އެއްވެސް ގެރެންޓީއެއް ނެތް އުފެއްދުންތަކެއް ކަމަށްވާތީ ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށް ބައްލަވައިގަންނަވާ އުފެއްދުންތައް ގަތުމުގެ ކުރިން އެ އުފެއްދުންތަކަކީ އޮރިޖިނަލް އުފެއްދުންތައްކަން ކަށަވަރުކުރުމަށްފަހު ނޫނީ ނުގަތުމަށް އިލްތިމާސްކުރަމެވެ." އެސްޓީއޯގެ ބަޔާނެއްގައި ބުންޏެވެ.
"އެސްޓީއޯގެ އައުޓްލެޓްތަކުން އަދި އެސްޓީއޯއިން ހުއްދަ ލިބިފައިވާ ފަރާތްތައް މެދުވެރިކޮށް "މަކިޓާ" ބްރޭންޑުގެ އޮރިޖިނަލް އުފެއްދުންތައް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާއިރު، "މަކިޓާ" ބްރޭންޑުގެ އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓުމަށް، އެސްޓީއޯ ސަރވިސް ސެންޓަރުން އާފްޓަރ ސޭލްސް ޚިދުމަތް ފޯރުކޮށްދޭނީ އެސްޓީއޯއިން ނުވަތަ އެސްޓީއޯގެ ހުއްދަ ލިބިފައިވާ ފަރާތްތައް މެދުވެރިކޮށް ބައްލަވައިގަންނަ "މަކިޓާ" ބްރޭންޑުގެ އުފެއްދުންތަކަށް އެކަނިކަމުގައި ކަސްޓަމަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ."
"އެހެންކަމުން، "މަކިޓާ" ބްރޭންޑުގެ ނަކަލު "ފޭކް" އުފެއްދުންތަކާމެދު ސަމާލުވުމަށް ކަސްޓަމަރުންނަށް އިލްތިމާސްކުރަމެވެ. އަދި "މަކިޓާ" ބްރޭންޑުގެ އުފެއްދުންތަކުގެ އަސްލުކަން ކަށަވަރުކުރުމަށް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، އެސްޓީއޯ "މަކިޓާ" ޝޯރޫމަށް ވަޑައިގެންދެއްވުން އެދެމެވެ."



advertisment

