Support Us

އެކަތިގަނޑަކަށްވެ، ޤައުމައިގެން ކުރިއަށްދާ ބަޔަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފި

އަޅުގަނޑުމެން އެންމެންނަކީ ޤައުމުގެ މުސްތަޤުބަލާ މެދުގައި ޤައުމީ ވިސްނުމެއްގައި ވިސްނައި، އިސްލާމުން ކަމުގައި ވީތީ އަޅުގަނޑުމެންގެ މައްޗަށް އޮތް ޒިންމާގެ މަތީން ހަނދާންކޮށް، އެކަތިގަނޑަކަށްވެ، ޤައުމައިގެން ކުރިއަށްދާ ބަޔަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު  އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން އިލްތިމާސްކުރެއްވީ ހއ.ގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވެރިރަށް ދިއްދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ވާހަކަފުޅުދައްކަވަމުންނެވެ.

ރަށުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި ހުރިހާ ރައްޔިތުން އެކުވެރިކަމާއެކު ކުރިއަށް ދިއުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ކަމުގައި ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ވަނީ، ހުރިހާ ރައްޔިތުންވެސް ހެޔޮ ގޮތުގައި ކަންކަމާ މެދު ވިސްނުމަށް އެދިވަޑައިގެންފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގެ ތަރައްޤީއަށްޓަކައި ކުރާ ކަންކަމީ އެ ރަށަކުން ގެންދެވޭނެ އެއްޗެއް ނޫން ކަމަށާއި، ސިޔާސީ ކޮންމެ ފިކުރެއްގެ މީހެއް ކަމުގައި ވީ ނަމަވެސް އެކަމުގެ ފައިދާ އޮތީ ރަށުގައި ތިބި ރައްޔިތުންނަށް ކަމަށެވެ.

އެ މަނިކުފާނުގެ ކުރިފުޅުމަތީގައި ހުރިހާ ރައްޔިތުންވެސް ހަމަކަމަށާއި، ސަރުކާރުން ދޭ ޚިދުމަތްތަކުގައި ތަފާތު ކުރުމެއް ނުގެންގުޅުއްވާ ކަމުގައި ވިދާޅުވިއެވެ. އަދި ޚިޔާލު ތަފާތު ވެދާނެ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ވަނީ ތަފާތު ޚިޔާލުތައް ފާޅުކުރުވުމަށް ފުރުޞަތު އޮތްކަން ފާހަގަކުރައްވާފައެވެ.

ޤާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ލިބިދޭ ޙައްޤެއް، އޭގެ އެންމެ ފުރިހަމަ މިނުގައި ލިބިދީފައި އޮތުމީ އެ މަނިކުފާނުގެ ސަރުކާރުން މިއަދާ ހަމައަށްވެސް ތަންފީޒު ކުރައްވަމުން ގެންދެވި ސިޔާސަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ބަދަލު ހިއްޕެވުމުގެ ރޫޙެއްގައި ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި އެދިވަޑައިގަންނަވަނީ ޤައުމަށް ހަމަޖެހުން ލިބުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސިޔާސީ ގޮތުން އަނިޔާވެރިވާ މަންޒަރެއް، އެ މަނިކުފާނުގެ ކިބައިން ކުރިއަށް އޮތް ތަނުގައިވެސް ފެނިގެންނުދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

އެ މަނިކުފާނާ ދިމާއަށް، އަދި ސަރުކާރާ ދިމާއަށް ކިތަންމެ އެއްޗެއް ކިއެއް ކަމަކު، ދިވެހިރާއްޖެއަކީ މާތްވެގެންވާ އިސްލާމް ދީނުގެ މަތީގައި ބިނާވެފައިވާ ޤައުމެއްކަމުން، އިސްލާމް ދީން ގެނެސްދީފައިވާ ހަމަތަކަކީ އެންމެންވެސް ޤަބޫލުކުރަންޖެހޭނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ކޮންމެ ރައްޔިތަކީ ހުރުމަތްތެރިވެގެންވާ، އަދި ޢަބުރެއް އޮތް ރައްޔިތެއް ކަމަށް ޤަބޫލުކޮށް، ސިޔާސީ ފިކުރު ތަފާތުވުމަކީ އަނެކާ ކުޑައިމީސް ކުރުމުގެ ޙައްޤު ތަނަވަސްކޮށްދޭ ކަމެއް ނޫންކަން ޤަބޫލުކުރަންޖެހޭ ކަމަށާއި، ޤައުމުގައި ހަމަޖެހުން ޤާއިމުވެގެންދާނީ، އަދި ޤައުމަށް ކުރިއެރުން އަންނާނީ މި ފިކުރު، ފަރުދީ ފެންވަރުގައި ކުރާނެ ބަޔަކު ތިބި ދުވަހަކުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮންމެ ރައްޔިތަކީވެސް ޤާނޫނަކުން މަނާނުވާ ކޮންމެ ކަމެއް ކުރުމުގެ ޙައްޤު ލިބިގެންވާ ރައްޔިތެއް ކަމަށާއި، ސަރުކާރަށް އޮތީ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެ މަނިކުފާނުގެ ސަރުކާރު ދެމިއޮންނާނީ އެގޮތުގައި ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މާތް ﷲ އަޅުގަނޑުމެންނަށް ދެއްވި ބުއްދީގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *