ގައުމު ވިއްކާލުމާ ދެކޮޅަށް އިއްޔެ ބޭއްވި މުޒާހަރާއާ ގުޅިގެން، އިދިކޮޅު ކޯލީޝަންގެ އިސް ބޭފުޅުން ފުލުހުންގެ އިދާރާ އަށް ހާޒިރުވާން ޗިޓް ފޮނުވަން ފަށައިފިއެވެ. މާދަމާރޭ 7 ޖަހާއިރަށް ހާޒިރުވާން ފުރަތަމަ ޗިޓް ފޮނުވައިފައި ވަނީ ޕީއެން.ސީގެ ނައިބު ރައީސް އިބްރާޙިމް ސުޖާއަށެވެ.
ސުޖާ އަށް ފޮނުވި ޗިޓްގައި ކުށުގެ ތުހުމަތެއް ކަމަށް ފުލުހުން ބުނެފައި ވަނީ "ދިވެހިރާއްޖޭގައި އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށްފައިވާތީ އާންމުތަންތަނަށް މީހުން އެއްވެ އުޅުމުގައި ޢަމަލުކުރުމަށް ހެލްތު ޕްރޮޓަކްޝަން އެޖެންސީއިން އަންގަވާފައިވާ އެންގުންތަކާއި ޚިލާފަށް 2020 އޯގަސްޓް 28 ވަނަ ދުވަހުގެ 16:00 ހާއިރުން ފެށިގެން، ގިނަ ޢަދަދެއްގެ ބަޔަކާއި އެކު، އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި ޚިލާފަށް މާލޭގެ ބޮޑެތި މަގުތަކުގައި ދުއްވާ ތަކެއްޗާއި މަގުހިނގާ މީހުންނަށް އުނދަގޫވާ ގޮތަށް އަޑުގަދަކޮށް ހަޅޭލަވަމުން މަގުތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު އެއްކޮށް ސައިކަލު ދުއްވައި، އެއްވުމުގައި ބައިވެރިކުރި ޢާއްމު ރައްޔިތުންނާއި، އެއްވުމުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ޙަރަކާތްތެރިވި ފަރާތްތައް ޞިއްޙީ ގޮތުން ނުރައްކަލަކަށް ހުށައެޅޭގޮތަށް އިޖުތިމާއީ ގައިދުރުކަމާއި މާސްކު އެޅުމެއްނެތި އެއްވެއުޅުމުގެ ޤާނޫނާއި ޚިލާފަށް ބޮޑުތަކުރުފާނުމަގުގައި އެއްވުމެއް ބޭއްވި މައްސަލަ" ކަމަށެވެ.
ކުރަމުންދާ ތަޙްޤީގުގެ ޙުލާޞާގައި ފުލުހުން ބުނެފައި ވަނީ "2020 އޯގަސްޓް 28 ވަނަ ދުވަހުގެ 16:00 ހާއިރުން ފެށިގެން، ގިނަ ޢަދަދެއްގެ ބަޔަކާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި ޚިލާފަށް މާލޭގެ ބޮޑެތި މަގުތަކުގައި ދުއްވާ ތަކެއްޗާއި މަގުހިނގާ މީހުންނަށް އުނދަގޫވާ ގޮތަށް އަޑުގަދަކޮށް ހަޅޭލަވަމުން މަގުތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު އެއްކޮށް ސައިކަލު ދުއްވައި، އެއްވުމުގައި ބައިވެރިކުރި ޢާއްމު ރައްޔިތުންނާއި، އެއްވުމުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ޙަރަކާތްތެރިވި ފަރާތްތައް ޞިއްޙީ ގޮތުން ނުރައްކަލަކަށް ހުށައެޅޭ ގޮތަށް އިޖުތިމާއީ ގައިދުރުކަމާއި މާސްކު އެޅުމެއްނެތި އެއްވެއުޅުމުގެ ޤާނޫނާއި ޚިލާފަށް ބޮޑުތަކުރުފާނު މަގުގައި އެއްވުމެއް ބާއްވައި، އެ އެއްވުމާއި މަގުތަކުގައި ހަޅޭއްލަވަމުން ސައިކަލު ދުއްވުމުގައި އިސްމީހެއްގެ ގޮތުން ޙަރަކާތްތެރިވެ އެއްވުމުގެ ބައިވެރިންނާއި މުޚާތަބުކޮށް ވާހަކަ ދައްކައި އިސްވެ ދެންނެވުނު ކަންކަމަށް ހިތްވަރު ދީފައިވާ މައްސަލަ" ކަމަށެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަރ އަބްދުއްރަހީމް އަދިވެސް އަށް މައުލޫމާތު ދެއްވަމުން މިރޭ ވިދާޅުވީ ފުލުސް އޮފީހަށް ހާޒިރުވާން ޕީއެންސީގެ ނައިބް ރައީސް އަށް ޗިޓް ފޮނުވި ނަމަވެސް އެ ޕާޓީގެ އެހެން އެއްވެސް ބޭފުޅަކަށް އެއްވެސް ޗިޓެއް ފޮނުވާފައިނުވާ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި އެ ޕާޓީން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށާއި ތަހުގީގެއް ކުރިޔަސް ކޮންމެ ކަމެއް ކުރިޔަސް އެ މަސައްކަތްތައް ހުއްޓާނުލާނެ ކަމަށެވެ.
"މި ސަރުކާރުން ކުރާ ވައްކަންތައް ރައްޔިތުންނާ ހަމައަށް ތިލަ ކުރާނަން، ރޭ ހިނގި އަލިފާނުގެ ހާދިސާގައި ވެސް އެފަދަ ނާޒުކް ދަނޑިވަޅެއްގައި އެޗްޕީއޭގެ ގަވާއިދާ ހިލާފަށް އަމަލް ކުރެއްވީ ވެސް ރައީސް ސޯލިހް. އެ މައްސަލަ ކީއްވެތޯ ނުބެލެންވީ؟ ގައިދުރުކަން އިސްކުރަން ބުނެފައިވާއިރު ފަސް މީހުންނަށް ވުރެ ގިނަ ބޭފުޅުން އެއްކުރައްވައިގެން އެދަނޑިވަޅު ވެސް ޒާތީ ހަސަދަ އިސްކުރައްވައިގެން ސިޔާސީ ވާހަކަފުޅު ދެއްކެވީ އެތަނުގައި ވެސް. އަޅުގަނޑުމެންނަށް އިނގޭ މި ސަރުކާރުން ކޮންމެ ފަދަ ކަމެއް ވެސްކޮށްފާނެކަން. އެހެންވެ އެކަމާ ޖެހިލުމެއް ނުވޭ. މި ސަރުކާރުން ކުރާ ކަންކަން ބަލާ އެކަމަށް ފާރަވެރިވުމަކީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ޒިންމާއެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 އިން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި، ގަވައިދުތަކާ ޚިލާފަށް އެތައް ބަޔަކު އެއްކޮށްގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން މާލޭގައި އިއްޔެ ސައިކަލްބުރެއް ބާއްވައި ކުރި މުޒާހަރާއަކީ ގައުމަށް ހެޔޮއެދޭ ބަޔަކު މިފަދަ ދަނޑިވަޅެއްގައި ކުރާނެ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ރޭ ވަނީ ވިދާޅުވެފަ އެވެ. ރައީސް ސޯލިހު ވިދާޅުވީ ގަވައިދާ ޚިލާފުވި ފަރާތްތަކާ މެދު ފުލުހުން ފިޔަވަޅު އަޅާނެ ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް ފުލުހުންގެ ފަރާތުން ވެސް އިލްތިމާސްކުރަމުން މި ގެންދަނީ އެޗް.ޕީ.އޭގެ އެންގުމާ އެއްގޮތަށް ފަސް މީހުންނަށްވުރެ ގިނައިން އެއް ތަނަކަށް އެއްވެ ނޫޅުމަށް. އެހެންވެ އެ އެންގުމާ ޚިލާފަށް އަމަލުކުރާ ހުރިހާ ފަރާތްތަކާ ދޭތެރޭގައި ގާނޫނުގައިވާ ގޮތުގެ މަތީން ފުލުހުންގެ ފަރާތުން ފިޔަވަޅު އަޅަމުންގެންދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.



advertisment