އޭޕްރީލް 2023 ގައި ފޭދޫފިނޮޅު ކައިރިން ދެ ލޯންޗެއް ޖެހި މީހަކު މަރުވި މައްސަލަ ފުލުހުން ތަހުގީގުކޮށް، ދެ ލޯންޗުގެ ކައްޕިންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ބުނީ އޭޕްރީލް 29 ވަނަ ދުވަހުގެ ހަވީރު "ސަސް އީ ސްޕީޑް" ލޯންޗާއި "އެމްޑަބްލިޔުއެސްސީ މެރިން 2″ ލާންޗު ޖެހި ހިނގި އެކްސިޑެންޓްގައި، އެތަނުން އެއް ލޯންޗުން ދަތުރުކުރި މީހަކަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް މަރުވި މައްސަލައިގައި ދައުވާކުރަނީ އެ ދެ ލޯންޗު ދުއްވަން ތިބި ޔާނިސް ޙަމީދު، ކ. ކާށިދޫ، ހީނާވިލާ، 35، އާއި މުޙައްމަދު ޖަމީލް، 43، ހދ. ނޮޅިވަރަން، ގްރީންހައުސްގެ މައްޗަށެވެ.
"މި މައްސަލައިގެ ތަހުގީގު ނިންމައި އެދެމީހުންގެ މައްޗަށް ޖިނާއީ ދައުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެންމެ ފުރަތަމަ މައްސަލަ ފޮނުވާފައިވަނީ 04 ޖޫން 2023 ގައެވެ. ނަމަވެސް މައްސަލަ އިސްލާހުކުރުމަށް އަނބުރާ ފޮނުުވުމަށްފަހު ދެވަނަ ފަހަރަށް މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 2025 ޖަނަވަރީ 15 ވަނަ ދުވަހުއެވެ." ފުލުހުންގެ ބަޔާނެއްގައިވެއެވެ. "2023 އޭޕްރީލް 29 ވަނަ ދުވަހުގެ 16:42 ހާއިރު "ސަސް އީ ސްޕީޑް" ލާންޗާއި "އެމްޑަބްލިޔުއެސްސީ މެރިން 2″ ލާންޗު ޖެހި ހިނގި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ 52 އަަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ އެ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އެދުވަހުގެ 18:15 އެހާކަންހާއިރުއެވެ."



advertisment