މި ސަރުކާރުގެ ސިޔާސަތަކީ ވަށައިޖެހޭ ތަރައްޤީކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ޒިޔާރަތުގެ ތެރެއިން، ކިނޮޅަހު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ތުއްތު ކުދިން ކުދިކުދި ކަރުދާސްކޮޅުތަކުގައި ލިޔެގެން ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް އަރުއްވާފައިވާ ޕާކު ނެތުމުގެ ޝަކުވާއަށް އިޝާރާތްކުރައްވައި، އާބާދީގެ ކުޑަބޮޑުމިނުގެ ނިސްބަތުން އެއްވެސް ތަފާތެއް ނެތި، ކުޑަކުދިންނަށް ކުޅެވޭނޭ ޕާކުތައް ހެދުމަކީ ޙަޤީޤަތުގައި ތަރައްޤީ ގެނެސްދިނުމުގައި ވަރަށް މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވަށައިޖެހޭ ތަރައްޤީއަކީ މި ސަރުކާރުގެ ސިޔާސަތުކަން ހާމަކުރައްވައި، ކިނޮޅަހުގެ ތުއްތުކުދިން ބޭނުންވާ ޕާކު މިއަހަރު ތެރޭ ތަރައްޤީކޮށްދެއްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދުޅަހެޔޮކަމާއި ސިކުނޑީގެ ތަރައްޤީ އަދި ހިތްހަމަޖެހުމަށް ބޭނުންވާ ގިނަ ކަންތައްތަކެއް ކުރުމަށް މި ސަރުކާރުން ރާއްވަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ކިނޮޅަހު ރައްޔިތުން އެދޭ ފެންވަރުގެ ފުޓްސަލްދަނޑަކާއި ވޮލީ ކޯޓެއް މިއަހަރު ޤާއިމުކޮށްދެއްވާނޭ ކަމަށާއި، ރާއްޖޭގެ ހުރިހާ ދިމާލެއްގައި ހޭންޑްބޯލް ކުރިއެރުވުމަށް ޕްލޭނެއް ހެއްދެވުމަށް، ކަމާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދަވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާންކުރައްވާފައެވެ.
ރަށުގެ ތަޢުލީމީ ބިނާރާއި ވަޞީލަތްތައް ތަރައްޤީކޮށް ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމަށް، ސްކޫލާއި، ކައުންސިލާއި ތަޢުލީމީ ވުޒާރާ ގުޅިގެން މަސައްކަތްތަކެއް ކުރައްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ޞިއްޙީ ދާއިރާގައިވެސް ތަރައްޤީގެ މަސައްކަތްތަކެއް ހިންގަވާނޭ ކަމަށާއި، މިއަހަރު ތެރޭ ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ފައްޓަވާނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކިނޮޅަހު ރައްޔިތުން ތަޞައްވަރުކުރާ ލާސާނީ ލޯކަލް ޓޫރިޒަމް ކޮންސެޕްޓް، ކަނޑައަޅާފައި އޮތް ސަރަހައްދުގައި ފެއްޓުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން، އެ ސަރަހައްދަށް ފެނާއި ނަރުދަމާގެ އެކްސްޓެންޝަންގެ ކަންތައް ކޮށްދެއްވާނޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން، މުޅި ރާއްޖެއަށް ޝާމިލުވާގޮތަށް އެކި ސަރަޙައްދުތަކަށް ބަހާލައިގެން، މި ދައުރުގައި ޕަބްލިކް ލައިބްރަރީ ޚިދުމަތް ޤާއިމްކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި، ކިނޮޅަހުގައި އޭ.ޓީ.އެމް ބެހެއްޓުމުގެ މަސައްކަތާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސް އާއި އެ ރަށު ކައުންސިލާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.