އެމެރިކާގެ އައު ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕް، މަޤާމާ ހަވާލުވެވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ މަނިކުފާނަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އިންޑިއާ ކަނޑުގެ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ސަރަޙައްދީ ސުލްހަ މަސަލަސްކަމާއި ފާގަތިކަން ކުރިއެރުވުމަށްޓަކައި، އެ ލަނޑުދަނޑިއަށް ވާސިލުވުމުގައި މަސައްކަތް ކުރުމަށް ދެ ޤައުމުގެ ސިޔާސީ ގުޅުމުގެ ތެރެއިން ކުރެވޭ މަސައްކަތްތަކާމެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ. އަދި ދުނިޔޭގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި އެމެރިކާގެ ރައީސް، ޓްރަމްޕާއި އެ މަނިކުފާނުގެ ސަރުކާރާއެކު ބައިނަލްއަޤްވާމީ މައިދާނުގައި މަސައްކަތް ކުރުމަށް ބޭނުންފުޅުވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި އަހަރަކީ އެމެރިކާއާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު ކަމަށާއި މިއީ ދެ ޤައުމުގެ މެދުގައި އޮތް ގާތް ހަރުދަނާ ގުޅުން ރަމްޒުކޮށްދޭ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
އެ ގޮތުން ވިޔަފާރިއާއި އިގުތިސާދީ ގުޅުން ބަދަހިކުރުމާއި، ދިފާޢީ އަދި ސަލާމަތީ ގުޅުންތައް ކުރިއެރުވުމާއި، ބައިނަލްއަޤްވާމީ މަސްރަޙުގައި ޑިމޮކްރެޓިކް ހަމަތަކާއި ޤާނޫނުގެ ވެރިކަން ދެމެހެއްޓުމާއި، އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގެ މަގުގައި ހުރި ގޮންޖެހުންތަކަށް ހައްލުހޯދުމަށް ދެޤައުމުން ކުރާ މަސައްކަތް ދިވެހިރާއްޖެއިން ބަލައިގަންނަކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ތަހުނިޔާގެ މި މެސެޖު ނިންމަވާލައްވަމުން، ރައީސް ޓްރަމްޕަށް އެ މަނިކުފާނުގެ ރައީސްކަމުގެ ދައުރުގެ ރަސްމީ މަސްޢޫލިއްޔަތުތައް އަދާކުރުމެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެން، އެ މަނިކުފާނަށް ފުރިހަމަ ޞިއްޙަތަކާއި ދުޅަހެޔޮކަމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. ރައީސް ޓްރަމްޕަށް ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ޕޯސްޓެއްވެސް ކުރައްވާފައެވެ.



advertisment