Support Us

ދަނޑުވެރިންނަށް އޮތީ އުފާފާގަތިކަން: ރައީސުލްޖުމްހޫރިއްޔާ

ދިވެހިރާއްޖޭގައި ދަނޑުވެރިންނަށް އޮތީ އުފާފާގަތިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ގއ. ނިލަންދޫ ރައްޔިތުންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ސަރުކާރުގެ އަމާޒަކީ، ދަނޑުވެރިކަމުގެ ސިނާޢަތުގެ ހިންގުން ހަރުދަނާކުރެއްވުން ކަމަށް ވިދާޅުވެ، ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި ހެއްދުމުގެ މަސައްކަތްވެސް މިހާރު ސަރުކާރުން ފައްޓަވައި، އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ، ދަނޑުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ބަލާއިރު ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ ދާއިރާއެއްކަމަށެވެ. އެހެންކަމުން ނިލަންދޫގެ ދަނޑުވެރިންނާއި، ޖުމުލަކޮށް ރާއްޖޭގެ ދަނޑުވެރިންނަށް ދަނޑުވެރި އުފެއްދުންތަކުން ނަފާހޯދޭނޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އެ ރަށެއްގެ އާބާދީއަށް އެކަށީގެންވާ ފެންވަރެއްގައި ޚިދުމަތް ދެވޭ ތަނަކަށް އެރަށެއްގެ ޞިއްޙީ މަރުކަޒު ހެދުމުގެ ސިޔާސަތުގެ ދަށުން، ނިލަންދޫ ގައިވެސް ޞިއްޙީ ޚިދުމަތްތައް ފުޅާކޮށްދެއްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އަދި ބަނދަރުގެ މައްސަލައިގައިވެސް، ރައްޔިތުން އުންމީދުކުރާ ފަދަ ޙައްލެއް ހޯއްދަވައިދެއްވާނޭ ކަމަށާއި، ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމާއި ފެނާއި ނަރުދަމާގެ މައްސަލަ ހުއްޓިފައި އޮތް އޮތުންވެސް ނިމުމަކަށް ގެންނަވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ނިލަންދޫ ސްކޫލްގައި މަލްޓިޕަރޕަސް ހޯލެއް ތަރައްޤީ ކޮށްދެއްވާނޭ ކަމަށް ވިދާޅުވެ، ކެމްޕެއިން ތެރޭގައި ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް އެ ވަޢުދުވެސް ފުއްދަވައިދެއްވާނޭ ކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގެ ތަރައްޤީއަށް ކުރަން ހުރި ކަންތައްތަކަށް ސަމާލުކަން ދެއްވައިގެން ރައްޔިތުންގެ އުންމީދުތަކުގައި ޙަޤީޤީ ކުލަ ޖައްސައިދެއްވާނޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *