ހަ މަސް ތެރޭގައި ސްޓެލްކޯ އިން ބައި ލައްކައަށް ވުރެ ގިނަ ގަސް އިންދައިފިއެވެ.
ސަރުކާރުގެ "ފަސް އަހަރުން ފަސް މިލިއަން ގަސް" ޕްރޮގްރާމްގައި ބައިވެރިވެ، ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމަށް ސްޓެލްކޯގެ ހިދުމަތް ދޭ ރަށްރަށުގައި ފަށައިފައިވާ ޙަރަކާތުގެ ދަށުން މި އަހަރުގެ ޖޫން މަހުން ފެށިގެން ޑިސެންބަރު 21 އާ ހަމަޔަށް 52،334 ގަސް އިންދައިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
ފަސް ލައްކައިގެ އަމާޒަށް ވާސިލް ވުމަށް ބާކީ އަދި 447،666 ގަސް އިންދަންޖެހެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ފަސް އަހަރުން ފަސް މިލިއަން ގަސް" އިންދުމުގެ ޕްރޮގްރާމްގައި ސްޓެލްކޯއިން ބައިވެރިވެ، ފަސް ލައްކަ ގަސް އިންދުމަށް އެ ކުންފުނިން އަމާޒު ހިފި މަސައްކަތް ކ. ތުލުސްދޫގައި އިފްތިތާހު ކުރީ މިއަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހު އެވެ. އެދުވަހު ތުލުސްދޫ އާއި ރާއްޖޭގައި ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި 21،007 ގަސް އިންދައިފައިވެ އެވެ.
މީގެ އިތުރުން ކ. ދިއްފުށީގައި މި އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު އެރަށުގެ އިންޖީނުގޭގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ހަވާސާގައި، އެ ރަށުގައި 1،000 ގަސް އިންދައިފައިވެ އެވެ. އަދި އެއަށްފަހު އޮގަސްޓް މަހު 8،364 ގަސް ސްޓެލްކޯއިން ހިދުމަތް ދެމުން އަންނަ އެކި ރަށްރަށުގައި އިންދާފައިވާ ކަަަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.
ސެޕްޓެމްބަރުގެ ނިޔަލަށް ސްޓެލްކޯ އިން އިންދައިފައި ވަނީ 36،825 ގަހެވެ.




advertisment

