ކޮންމެ ރެއަކުމެ ނުނިދިފައި އޮވެވޭ ކަލާގެ ޚިޔާލުގައި
ދެންމެ ވެސް ހީވީ ކަލާ ހުރިހެން ހިޔަނިހެން ގާތުގައި
މަޑުމަޑުން ކަންފަތްދޮށަށް ލެފި ހިއްޞުތަކު މަތުރާލަމުން
އަޑު ކަލާގެ އަހައިލުމަށް ދަޢުވަތު ދިނީ އާދޭހުގައި
ސިހި އެނބުރި ދެ ފަރާތް ބަލައިލެވުނީ އުދުހި އުއްމީދުގާ
ނުހަނު ގާތުން މޫނު ތިޔަ ފެނުމަށް އެދޭ ޖަޒުބާތުގައި
އަހުރަވެތި ހިނިތުންވުމެއްގައި ސޫރަ ތިޔަ ފެނުމާއެކީ
ލުހި ހަށިން ހިތް ނުކުމެގެންގޮސް ބޮސްދިނޭ ތިޔަ ޖިސްމުގައި
ބީހިލައި ހިނދުރީގެ ތެރެއިން، އެތެރެވީ ތިޔަ މީރުވަސް
ރޫޙުގައި ފިރުމާލި އިޝްޤުގެ މަޢުނަވީ އިހުސާސުގައި
ދިޔަ ހިމޭން ހިނދުކޮޅު ތެރޭގައި، ބެހުނު އިޝްޤީ ފުންކަނޑަށް
ކިޔަމަނުން ހިތް ނޯވެ ވަރުބަލި ވެއްޖެ އިޝްޤީ އާހުގައި
