ދަތުރަށް ފުރަން ޖެހިދާނެޔޭ، ހޯދާށެ ކޮއްތާ ބޯފެނާ
ވަތުގައި އަނދަން ޖެހިދާނެޔޭ، ކުޅަ ޢަމަލުތައް އަވަހަށް މިނާ
ބޭނުންވެގެން ހޯދާ މިތާ ވަގުތީ އަރާމާ ލައްޒަތާ
ވާނޭފަހުން ވޭނެއްކަމަށް، އެމަގުން ހިނގުން އަބަދަށް މަނާ
މަސްތުވެ މިތާ ތިބެ ދަޅަތަކަށް ލެނބި ހިތް ވަޔަށް ދީލައިލުމުން
ވިސްނުމުގެ ފަރަގެއް ނުފެނެޔޭ އިންސާނުނާ ޖަނަވާރުނާ
އަރުގައި ނުލައި ތަޤްވާގެ ކޮއްތާ، ބޯފެނުން މަޙްރޫމްވެވި
ފުރުޞަތުމެ ލިބި އިސްލާޙުނުވި ނަފްސޭ ފަހުން ވާނީ ފަނާ
ހިތުހުރި ގޮތެއްގައި ދުނިޔެވީ އުފަލާ އަރާމަށް ހެއްލުމުން
އަތުގައި މުދާ ހުއްޓަސް ހެވޭ ދަތުރުގެ މަތީ ވާނޭ ހަނާ
ޣާފިލް ނިދިން ނިދި ޖެހި މިތާ ސަކަރާތުގައި އުޅެވުނުކަމުން
ޣާފިލްވި ނަފުސުން އެދުހުވީ އިހުމާލުތައް ނުލެވޭ ގުނާ
