އަދި ނުވޭ އުންމީދު ކެނޑި މާޔޫސްވެ ހިތް މަރުވާކަށެއް
އަނދިރި ވެވި ދާނޭ މަގެއް ދުނިޔޭގެ ނެތި އޮންނާކަށެއް
މީރު ފެންފޮދުވެސް އަރުންް ނުދިރޭނެ ހިތްދަތި ހާލުގައި
ތީރު ޢިޝްޤީ ހެރި އެކީ މުޅި ހިތް ޒަޚަމް ކޮށްލާކަށެއް
ވެވުނު ޤުރުބާނީގެ އަގުވެސް ނުލިބުނީތީ ދުނިޔެއިން
ވެވުނު އާދޭހާއެކީ ނިކަމެތިވެ ގޮތް ހުސްވާކަށެއް
ދުނިޔެއާ ދުނިޔޭގެ އުފަލުން ބީވެ ނިމެނީއޭ ހިތައި
އުނިވެ ހުރެ އެ ހަނދާނުގައި މުޅި ދިރިއުޅުން ނިމިދާކަށެއް
މަރުވެގެން ލޯބީނަން ވަޅުލެވިދަނީ ކަމުގައި ބަލައި
ހަރު އަޑުން ގިސްލައި ރޮމުން ދެލޮލުން ކަރުނައޮހޮރާކަށެއް
ކޮންމެ ކަމަކަށް އޮންނަ ކެތްތެރިކަމުގެ މަގު ހާސާ ކުރާ
އޮންނަ އުންމީދާ ހިތުގެ ސާބިތުކަމާ ނެތިދާކަށެއް
އެއްގޮތެއް ނެތްނަމަ އަނެއް ގޮތް ފަހިވުމީ ބަލަ އާދައެއް
އެއްކަމެއްގައިވެސް ހިތާމައިގައި ފިކުރުކޮށް ރޯކަށެއް
އާވެދާ މާޒީ ހަނދާންވެވި، އޭގެ ހިތްދަތި އަސަރުގައި
އާވެދާ ލޯބީގެ ނަމުގައި އުމުރު ހުސްކޮށްލާކަށެއް
ކޮންމެ ގަލަކަށް މޫދުގައިވާ، ވާނެއޭ ބުނެއޭ މަހެއް
ކޮންކަމެއްހޭ، އަދިނުވޭ ހަމަ ހާސްވެ ގޮތް ހުސްވާކަށެއް