Support Us

ދެ ބިލިއަން ރުފިޔާ ހަރަދުކުރި ރެކޯޑެއް ނެތް. ބަލާފައި ފިޔަވަޅު އަޅާނެ: އުޝާމް

ދައުލަތުގެ ބަޖެޓުން ހަރަދުކުރުމަށްފަހު ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުގައި ރިކޯޑްނުކޮށް، ދެ ބިލިއަނެއްހާ ރުފިޔާ އެބަހުރި ކަމަށާއި އެ ކަންކަން ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރެމުން ގެންދިޔަ ވީކްލީ ފިސްކަލް ޑިވޮލޮޕްމަންޓް ރިޕޯޓް މިއަހަރު ޖޫން މަހުން  ފެށިގެން އާއްމު ކުރުން މެދުކަނޑާލާފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެ ރިޕޯޓްތައް އާއްމުކުރުން މަޑުޖައްސާލާފައިވަނީ އޭރު ހުންނެވި ވަޒީރަށް ހިސާބުތަކުގައި ވަރަށް ބޮޑު ތަފާތުތަކެއް ފެނިގެން ކަމަށާއި އަދި އެކަމާ ބެހޭ ގޮތުން އިންޓާނަލީ ގޮތުން އުސޫލުތަކެއް ކަނޑައަޅައި އެ އުސޫލުތަކުގެ ދަށުން ދެން އިތުރަށް ދިމާނުވާނެ ގޮތަކަށް ރޭވިގެން ގޮސްފައިވާ ކަމަށެވެ.

|"މައްސަލައަކީ އަސްލުގައި ޕްރޮޖެކްޓްސްއާ ގުޅޭ ޑިސްޕާސްމަންްޓްތައް ހިނގަމުންދާ އަހަރު ތެރޭގައި ރިކޯޑްކުރުމުގެ މައްސަލަ މިއުޅެނީ," މިނިސްޓަރ ޒަމީރު ވިދާޅުވި އެވެ.

މިނިސްޓްރީއާ ހަވާލުވެވަޑައި ގެންނެވުމަށްފަހު އެ މައްސަލަ އޮޑިޓަރ ޖެނެރަލްގެ ލަފާފުޅު ހޯދެއްވުމަށް މަޝްވަރާކުރައްވާފައިވާ ކަމަށާއި މިއަަހަރުގެ ބަޖެޓްގެ ތެރެއަށް އެ އަދަދު ހިމަނައިފިނަމަ އޭގެ ސަބަބުން މިއަަހަރުގެ ބަޖެޓަށް ވަރަށް ބޮޑު ތަފާތެއް އަންނާނެ ކަމަށާއި އަދި މިދިޔަ އަހަރު ނިންމާފައި އޮތް ހިސާބެއްގެ ތެރެއަށް އެ އަނބުރާ ގެންދަން ޖެހިއްޖެ ނަމަވެސް މައްސަލަތަކެއް އަންނާނެ ކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވި އެވެ.

އެހެން ކަމުން އޮޑިޓަރ ޖެނެރަލްގެ ލަފާފުޅާ ގާނޫނީ ގޮތުން އޭގައި އޮތީ ކޮން ކަހަލަަ މައްސަލައެއްތޯ ހުރީ ބަލާފައި ނޫނީ ރިޕޯޓްކޮށްފިނަމަ އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށާއި އަދި ބޭރުގެ ފަރާތްތަކުންނާއި ރައްޔިތުން ކުރާ އިތުރުބާރު ގެއްލިގެންދާނެ ކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެންނަށް މި ފެންނަނީ އެ ރިޕޯޓްކުރުމުގައި ގާތްގަނޑަކަށް ދެ ބިލިއަނެއްްހާ ރުފިޔާގެ ތަފާތު އެބައުޅޭ. އޭގެ މާނައަކީ މިއަަހަރުގެ ބަޖެޓްގައި އަޅުގަނޑުމެން ހިމަނައިފި ކަމަށް ވެއްޖެއްޔާ މިދިޔަ އަހަރު ފާސްކުރި ބަޖެޓަށްވުރެ ދެ ބިލިއަން އިތުރުވެގެންދާނެ،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ އެކަމުގައި އަމަލް ކުރާނެ ގޮތެއް އެނގޭނީ އޮޑިޓަރ ޖެނެރަލް އަދި ބަންޑާރަ ނައިބުގެ ލަފާފުޅު ލިބިގެން ކަމަށެވެ.

މިއަދުގެ އެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ އެ އަހަރެއްހައި މަޖިލީހުން ފާސްކުރާ ބަޖެޓާ އެއްގޮތަށޭ ހަރަދު ކުރަންވާނީ އަދި ފާސްކޮށްފައިވާ ބަޖެޓަށް ވުރެ އިތުރަށް ހަރަދުކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ 96 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާއިރު މިދިޔަ ދައުރުގައި މަޖިލީހަށް ބަޖެޓް ހުށަހަޅަނީ ހަރަދުކުރުމަށްފަހު ސަޕްލިމަންޓްކުރުމަށް ކަމަށެވެ.

"ހަރަދު ކުރުމަށްފަހު ސަޕްލިމަންޓް ކުރުމަށްޓަކައި ބަޖެޓް ހުށަހަޅާފައި މިހުންނަނީ އެއީ ގާނޫނު އަސާސީ އާ ހިލާފު ކަމެއް،" ބަންޑާރަ ނައިބް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ ތަކުރާރުކޮށް ވޭތުވެދިޔަ ދެތިން ހަތަރު އަަހަރު ދުވަހެއްގެ ތެރެއިން އައިސް މިއަހަރާ ހަމައަށް އައިއިރު ދެ ބިލިއަނެއްހާ ރުފިޔާ ސިސްޓަމް ތެރެއަަށް އެކައުންޓް ނުކޮށްވާތީ އެ މައްސަލަ އޮޑިޓާރ ޖެނެރަލްއަށް ހުށަހަޅާފައިވާ ކަމަށާއި އެކަމާ ބެހޭ ރިޕޯޓެއް ކުރިއަށް އޮތް ދެ ތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައިޖ ފޯރުކޮށްދެއްވާނެ ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެފައިވާ ކަމަށެވެ.

މިކަމުގައި ގާނޫނު އަސާސީއާ ހިލާފަށް ކަންތައްތަކެއް ހިނގާފައި އެބަހުރި ކަމަށާއި އެ ރިޕޯޓް ބެލުމަށްފަހު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *