ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހުޅުމާލޭގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ތެލަސީމިއާ ކުދިންނަށް ހާއްސަ ފަރުވާދޭ ހޮސްޕިޓަލްގެ މަޝްރޫއު މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
މިކަމާ ބެހޭ އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ކުރިއަށް އޮތް 10 އަހަރަށް އެކުލަވައިލައިފައިވާ "ތެލަސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓާ ޕްލޭން" އިއްތިތާހުކުރުމަށް ރޭ ކްރޮސް ރޯޑްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ހުޅުމާލޭ ފޭސް ދޭއްގައި އެޅުމަށް ހަމަޖެހިފައިވާ މި ހޮސްޕިޓަލްގެ މަޝްރޫއު ކުރިއަށް ގެންދާނީ މެލޭޝިއާގެ ކުންފުންޏެއް ކަމުގައިވާ މެޑޯ އޭޝިއާ ކުންފުންޏާއި ޗިންގް ހިންގް ގްރޫޕާ އެވެ. އަދި އެ ހޮސްޕިޓަލް އަޅުމަށް ހަވާލުކޮށްފައިވަނީ ޗިން ހިން ގްރޫޕާ އެވެ.
މި އެމްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމެވެ. އަދި މެޑޯ އޭޝިއާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި އެމްޑީ ސްޓުއާޓް ޖޭ ވެނާ ޕެކް އެވެ. އަދި ޗިން ހިން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ރޮޖާ ލިން ސްވިން ކިޔެޓް އެވެ.
ރޭގެ އެ ރަސްމިއްޔާތުގައި ތެލަސީމިއާ ހޮސްޕިޓްގެ ޑިޒައިން ވަނީ ދައްކާލައިފަ އެވެ. އެގޮތުން އެ ހޮސްޕިޓަލްގެ ތިން ފްލޯގެ ތެރެއިން އެންމެ ތިރީ ފްލޭ ހާއްސަކޮށްފައިވަނީ ކުޑަކުދިން ކުޅޭ ސަރަހައްދަކާ އެމެޖެންސީ ރޫމްގެ އިތުރުން ކެންޓީން އޭރިއާ ހިމެނޭ ގޮތަށެވެ.
މި ހޮސްޕިޓަލްގައި ބޯންމެރޭ ޓްރާންސްޕާންޓް ޔުނިޓަކާއި އޯގަން ޓްރާންސްޕްލާން ޔުނިޓަކާއި ރިސާޗް އެންޑް ޑެވެލޮޕްމެންޓް އަދި އެކޮމޮޑޭޝަން ބްލޮކްތަކާއި ލެބޯޓްރީއެއްް ހިމެނެ އެވެ.



advertisment